logo

17 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އަތުލައިގަތް މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
14 ގަޑިއިރު ކުރިން

17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ގއ. މާމެންދޫއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އަޒުހަދު ނަސީމްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އަޒުހަދުގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ފުލުހުން ވަނީ ހުށަހަޅާފައެވެ.

އޭގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި، 17 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައިވުމާއި، މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ފެނިފައިވުން ހިމެނެއެވެ.

މީގެއިތުރުން މާމެންދޫގެ ގެތައް ބަލައިފާސްކުރި ފޮޓޯ ރިޕޯޓާއި، ސީނަށް ދިޔަ ފުލުހެއްގެ ބަޔާނުގެ އިތުރުން ތަހުގީގީ ބަޔާންތައް ވެސް ހިމެނެއެވެ. އަޒުހަދު ބަންދުގައި ބަހައްޓަން ނިންމި ސަބަބުތަކުގެ ތެރޭގައި، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށް ކޯޓު އަމުރުގައިވެއެވެ.

އަދި އޭނާއަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއް ކަމަށާއި، މަސްތުވާތަކެތި ވިޔަފާރިކުރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަން ވެސް ފާހަގަކޮށްފައިވެއެވެ. މީގެކުރިން ވެސް އޭނާގެ މައްޗަށް ގިނަ އަދަދަކުން މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަތަކެއްގެ ތުހުމަތު ކުރެވިފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކަކާ ދެކޮޅަށް ފުލުހުން ހިންގި މި އޮޕަރޭޝަނުގައި އަޒުހަދުގެ އިތުރުން ގއ. މާމެންދޫ / ރޯޝަނީގެ، ރިޝްފާން ރާމިޒު ވެސް ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ ރިޝްފާންގެ ބަންދަށް މީގެ ކުރިން 30 ދުވަސް ޖަހާފައިވާއިރު، އަޒުހަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ޖެހީ 15 ދުވަހެވެ.

ad