logo

ޕީޖީއޯ 2.0: ބޮޑެތި މައްސަލަތައްވެސް ގިނަވެގެން 48 ގަޑިއިރު ތެރޭ ކޯޓަށް ފޮނުވޭނެ

އާމިނަތު މޫސާ
ގަޑިއިރެއް ކުރިން

ޕްރޮސިކިއުޓަރު ޖެނެރަލްގެ (ޕީޖީ) އޮފީހުގެ މަސައްކަތްތައް ޒަމާނީ ޓެކްނޮލޮޖީއާއެކު ޑިޖިޓަލައިޒްކޮށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަޢާރަފުކުރުމަށް ކުރިއަށްގެންދާ "ޕީޖީއޯ 2.0" މަޝްރޫއާއެކު، ބޮޑެތި މައްސަލަތައްވެސް އެންމެ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ކޯޓަށް ފޮނުވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ޕީޖީ އައްބާސް ޝަރީފް ވިދާޅުވީ، ދެ އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ސަރުކާރުގެ ހަރަދުގައި ކުރިއަށްގެންދާ 12 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ޝަރުއީ ނިޒާމުގެ ތެރެއިން އަދުލު އިންސާފު ގާއިމުކުރުމަށް ހޭދަވާ މުއްދަތު ބޮޑުތަނުން އަވަސްކުރުން ކަމަށެވެ.

މިހާރު އޮންނަ އުސޫލުން ތަހުގީގު އިދާރާތަކުން ފޮނުވާ މައްސަލަތަކުގެ ލިޔެކިޔުންތައް ސްކޭންކޮށް ދިރާސާކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވި ނަމަވެސް، އައު ނިޒާމާއެކު 15 މިނެޓުގެ ތެރޭގައި ޕްރޮސިކިއުޓަރާ ހަމައަށް ފައިލް ފޯރާނެ ކަމަށް ޕީ.ޖީ. ފާހަގަކުރެއްވިއެވެ. އާދައިގެ މައްސަލަތައް އަވަސްވެ، އެންމެ ބޮޑެތި މައްސަލަތައްވެސް 48 ގަޑިއިރު ތެރޭގައި ދިރާސާކޮށް ކޯޓަށް ހުށަހެޅޭނެ ކަމަށް ވެސް ބުނެއްވިއެވެ.

މި ނިޒާމުގައި ބޭނުންކުރާ އޭއައި ވަސީލަތްތަކަކީ އެ އޮފީހުން އަމިއްލައަށް ތަރައްޤީކުރާ ވަސީލަތްތަކަކަށް ވާތީ، ޒާތީ މައުލޫމާތުތަކުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވެގެންދާނެ ކަމުގެ ޔަގީންކަން ޕީޖީ ދެއްވިއެވެ. ޑޭޓާ ރައްކާތެރިކުރުމަށް އިތުރު ސެކިއުރިޓީ ފިޔަވަޅުތައް މި މަޝްރޫއުގެ ދަށުން އެކުލަވާލެވޭނެ ކަމަށްވެސް ބުނެއްވިއެވެ.

މި ބަދަލާއެކު ތަހުގީގީ އިދާރާތަކުން އެދޭ ލަފާތައް ދިނުން އަވަސްވެގެންދާނެއެވެ. ކުރިން ފަސް ދުވަސް ހޭދަވާ ކަންކަމުގައި، އެދުވަހުން އެދުވަހަށް ޖަވާބު ދެވޭނެ އިންތިޒާމު ހަމަޖެހި، ކޯޓުތަކަށް މައްސަލަތައް ހުށަހެޅުމުގައި އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

މިހާރު ތަހުގީގު މަރުހަލާގައި ހުށަހަޅާ ލިޔެކިޔުންތަކަށް ކުރިން 5 ދުވަހުން ޖަވާބު ދެވޭ ލިޔުންތައް، އަޅުގަނޑުމެން އެދުވަހުން އެދުވަހަށް ޖަވާބު ދޭނެ. އެންމެ ބޮޑު ކަމަކީ އަދުލު އިންސާފު ޤާއިމްކުރަން ހޭދަވާ މުއްދަތު ކުރުވެގެންދާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.

މި މަޝްރޫއު ފުރިހަމަވުމުން، މުޅި އަދުލުގެ ނިޒާމަށް ބޮޑު އިންގިލާބީ ހަލުވިކަމެއް އައިސް، ހިދުމަތް ހޯދާ އާންމު ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.

ad