logo

އީގަލް ހިލްސްއިން ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫޢުގެ ކުރެހުންތައް ދައްކާލައިފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
9 ގަޑިއިރު ކުރިން

އީގަލް ހިލްސްއިން ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫޢުގެ ކުރެހުންތައް ދައްކާލައިފިއެވެ. މި ކުރެހުންތަކުގައިވާގޮތުން އެ ކުންފުނިން ތަރައްޤީކުރާ ހައުސިން ޔުނިޓްތައް ޤާއިމުކުރަނީ ޒަމާނީ ވަސީލަތްތަކާއެކުގައެވެ.

އީގަލް ހިލްސްގެ މަޝްރޫޢަކީ އިޤްތިސާދީ ގޮތުންނާއި އިޖުތިމާއީ ދާއިރާގެ ލަނޑުދަނޑިތަކާވެސް ގުޅިފައިވާ މުހިންމު މަޝްރޫޢުއެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މިއީ ހުރިހާ ގޮތަކުންވެސް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވާނެ މަޝްރޫޢަކަށް ވެގެންދާނެކަމަށެވެ.

އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަކީ ދުނިޔެ ދަންނަ، ކާމިޔާބު ބޮޑެތި އިންވެސްޓްމަންޓްތަކާއެކު މަޝްރޫޢުތައް ހިންގާފައިވާ ކުންފުންޏެއްކަމަށް ސަރުކާރުން ބުނެއެވެ. އެންމެންނަށް އެންގޭ މިފަދަ ބޮޑު ކުންފުންޏަކުން ދިވެހިރާއްޖޭގައި، އެފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރަން ނިންމާނީ އެކަމާ މެދު ވަރަށް ބޮޑަށް ދިރާސާކޮށް، ރާއްޖެއަށް އޮތް ޑިމާންޑާއި އޭގެއިން ނެރެވޭނެ މަންފާ އެންގިގެންކަމަށް ވަނީބުނެފައެވެ.

މިވަގުތައް ބަލާއިރު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އީގަލް ހިލްސްއިން ރާއްޖޭގައި 500 މިލިއަން ޑޮލަރުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން 5،000 ހައުސިން ޔުނިޓް ތަރައްޤީކުރާނެއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު އެކްސްގައި ހިއްސާކުރެއްވި ވީޑިއޯގައި ފެނިގެންދާ ކުރެހުންތައް ތައްޔާރުކޮށްފައިވަނީ ހުޅުމާލެ ފޭސް 3 ވިޝަން މާސްޓަރޕްލޭންގެ ދަށުން ދުނިޔޭގެ މަޝްހޫރު ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ 'ވާއު އާކިޓެކްޓްސް / ވާނަރ ވޮންގ ޑިޒައިން' އިންނެވެ. މި މާސްޓަރޕްލޭނަކީ ރާއްޖޭގެ ރަށްތަކުގެ އަރބަން ދިރިއުޅުމަށް ޒަމާނީ ބަދަލުތަކެއް ގެނެސްދޭ ގޮތަށް، އުސް ރެސިޑެންޝަލް ޓަވަރުތަކާއި ވޯޓަރފްރަންޓް ޓައުންހޯމްތަކުގެ އިތުރުން ޢާންމު ޚިދުމަތްތައް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.

View post on Twitter

މަޝްރޫއުގެ ކުރެހުންތަކަށް ބަލާލާއިރު މިތަން ތަރައްޤީވެގެން އަންނަނީ ހަމައެކަނި 5000 ހައުސިން ޔުނިޓާއެކު އެކަންޏެއްނޫނެވެ. އޭގެ ބަދަލުގައި މިތަން ތަރައްޤީވެގެން އަންނައިރު އާންމުންނަށް ބޭނުންވާނެ އެންމެ ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތައްވެސް ޤާއިމުކުރާނެއެވެ. އެގޮތުން ތަނުގައި ކުޅިވަރުކުރެވޭނެ އިންތިޒާމާއި، ކެފޭ ރެސްޓޯރަންޓްތަކާއި، ފިނި މައިޒާންތަކާއި ހިތްފަސޭހަކޮށްލަން މަޑުކޮށްލާނެ ތަންތަން ޤާއިމުވެގެންދާނެއެވެ. އަދި ފިހާރަތަކާއި، މޫދަށް އެރިލާނެ ތަންތަންވެސް މިތަން ނިމިގެން އަންނައިރު ޤާއިމުވެފައި ހުންނަތަން ކުރެހުންތަކުން ފެނެއެވެ. އުސް އިމާރަތްތަކުގެ ޓެރެސްތަކުން ފެނިގެން ދަނީ ފެހިކަމެވެ. މޫދު ކައިރީގައި އަޅާ ބޮޑު މިސްކިތެއް ވެސް ހިމެނެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2027 ގެ ކުރީކޮޅުގައެވެ. މި މަޝްރޫއުގެ ކުރެހުންތައް މިހާރު ވަނީ ދައްކާލާފައެވެ. ސަރުކާރުން ހާމަކުރައްވާގޮތުގައި މިއީ ދިވެހިންނަށް ތަނަވަސް ބޯހިޔާވަހިކަމާއި، ވަޒީފާގެ އައު ފުރުޞަތުތަކާއި، ހިތްފަސޭހަ ޒަމާނީ ވެއްޓެއް ލިބޭނެ މަޝްރޫއަކަށް ވެގެންދާނެއެވެ.

ރަސްމާލޭގައި 20 ބިލިޔަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ތަރައްޤީކުރުމަށް "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު ވަނީ ކޮމާޝަލް ޓާމްސް އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ. 20 ބިލިޔަން ޑޮލަރުގެ މި މަޝްރޫޢުގައި ހިމެނެނީ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެކެވެ. އަދި ރަސްމާލޭގައި 500 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ދިވެހި ރައްޔިތުންނަށް އެކި ފެންވަރުގެ 5000 ހައުސިން ޔުނިޓް ތަރައްގީ ކޮށްދޭނެވެ.

މުޅި މިމަޝްރޫޢަކީ އިންވެސްޓްމަންޓްގެ ގޮތުން ބަލާއިރު ރާއްޖެއަށް އަންނަ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. މި މަޝްރޫޢާއެކު 54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދޭނެއެވެ.

ބޭރުގެ ކުންފުންޏަކަށް ރަސްމާލޭގައި އިންވެސްޓްމަންޓެއް ކުރުމުގެ ފުރުޞަތު ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ، ރަސްމާލެ މުޅި ތަރައްޤީއަށް ވިސްނާ އެކަމަށް މަގުފަހިވާނެ ގޮތްތައް ހޯދުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢަކީ ވަޒީފާއާއި ދިރިއުޅުގެ ކުރިއެރުމާވެސް ގުޅިފައިވާ މަސައްކަތެއްކަމަށާއި، ވަޒީފާގެ ކުރިއެރުމާއި އިތުރު ވިޔަފާރިތައް އުފެދުމަކީ ކޮންމެ ރައްޔިތަކަށް ލިބޭނެ ކުރިއެރުމެއްކަމަށް ރައީސް ވަނީ މީގެކުރިން ފާހަގަކުރައްވާފައެވެ.

ad