މާލެ އާއި އަތޮޅު ތެރޭގައި އާއްމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހިމަބިއްސާއި ދެކޮޅަށް އެމްއާރު ވެކްސިން ދިނުމުގެ ތިންވަނަ ފޭސްގެ ވެކްސިން ދިނުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ.
އެޗްޕީއޭއިން ބުނީ ، ފޭސްތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ތިން ވަނަ ފޭސްގެ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ 49 އަހަރުން ދަށުގެ ވެކްސިން ދެ ޒޯޑް ފުރިހަމަވެފައިވާ ނުވާ ފަރާތްތަށް ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 7 އަކުން ފެށިގެން 30 ޖުލައިގެ ނިޔަލަށެވެ.
ހިމަބިހީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 121 ކޭސް ވަނީ ފެނިފައެވެ. މީގެ ތެރެއިން 55 ކޭސް ފެނިފައިވަނީ ވޭތުވެދިޔަ ހަފުތާގެ ތެރޭގައެވެ. ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމަކަށް ވީނަމަވެސް، މިހާރު ފެންނަމުންދާ އައުޓްބްރޭކާ ގުޅިގެން އެޗްޕީއޭއިން ދަނީ ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދީ މިހާރު ވަނީ ނިންމާފައެވެ. މިހާރު ކުރިއަށްދާ މަސައްކަތުގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ 220 މީހަކަށް ވެކްސިން ދީފައިވާއިރު، ފްރަންޓްލައިންގައި މަސައްކަތް ކުރާ 1,537 ސިއްހީ ހިދުމަތްތެރިންނަށް ވެސް ވަނީ ވެކްސިން ދީފައެވެ.
މާލޭ ސަރަހައްދުގައި ވެކްސިން ދިނުމުގެ ހިދުމަތް ލިބޭނެ މަރުކަޒުތަކުގެ ތެރޭގައި ހިމެނެނީ، ޔޫޕީއެޗްސީސީ، ހުޅުމާލެ ހޮސްޕިޓަލް، ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލް އެވެ. އަތޮޅުތަކުގައި ވެކްސިން ދޭނެ ގަޑިތައް އެ ރަށެއްގެ ސިއްހީ މަރުކަޒުން އިއުލާނު ކުރާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖެ އިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރެވެ. އޭގެ ފަހުން 2020 ވަނަ އަހަރާއި 2023 ވަނަ އަހަރު މި ބަލި ޖެހިފައިވާ ބަޔަކު ފެނިފައި ވެއެވެ. އަދި މި އަހަރު މިހާތަނަށް މި ބަލި ޖެހުނު 121 މީހަކު ފެނިފައި ވެއެވެ.

