މާލެ ސަރަހައްދުގެ ކަނޑުގެ އަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރުމުގެ ޢަމަލީ ދިރާސާ އެމް.ޑަބްލިޔު.އެސް.ސީ އިން ފަށައިފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 2040 ވަނަ އަހަރަށް ތަރައްޤީވެފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމުގެ ތަޞައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން، ޤައުމީ ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށް، މަސައްކަތުގެ ހިންގުން ހަރުދަނާކުރުމާއެކު ދެމެހެއްޓެނިވި ޢުމްރާނީ ތަރައްޤީ ކުރިއެރުވުމަށްޓަކައި، އެންމެ ފަހުގެ އީޖާދީ ކަނޑުއަޑީގެ ފެން އުފައްދާ ޓެކްނޮލޮޖީ (ސަބްސީ ޑީސެލިނޭޝަން) ބޭނުންކުރެވިދާނެ ގޮތްތައް ދިރާސާކުރަމުންނެވެ.
މިގޮތުން، މިހާރު ކުރިއަށްދާ ފީސިބިލިޓީ ސްޓަޑީގެ ބައެއްގެ ގޮތުން ފްލޯޝަން ގެ ޓެކްނިކަލް ޓީމުން ވަނީ ކަނޑުގެ 500 މީޓަރުގެ އަޑިން ފެން ސާމްޕަލް ނަގާފައެވެ. ފުރަތަމަ މުޢާޔަނާއިން ދައްކާ ގޮތުގައި މިއީ އާދަޔާޚިލާފަށް ސާފު ފެނެއް ކަމަށާއި، އަދި ލެބޯޓްރީ ތަޙުލީލުތަކުން ކަށަވަރުކުރެވޭ ގޮތެއްގެ މަތިން، މިއީ ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ މަތީ ފެންވަރުގެ ތަބީޢީ ފެން މަޞްދަރުތަކުގެ ތެރޭގައި ހިމެނޭނެ ފެނެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ފްލޯޝަންގެ އީޖާދީ ޓެކްނޮލޮޖީއަކީ ކަނޑުގެ ތަބީޢީ ހައިޑްރޯސްޓެޓިކް ޕްރެޝަރު ބޭނުންކޮށްގެން ރިވާސް އޮސްމޯސިސް ކުރިއަށްދާ ގޮތަށް ފަރުމާކޮށްފައިވާ ޓެކްނޮލޮޖީއެކެވެ. މީގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު %40 އާއި %50 އާ ދެމެދުގެ މިންވަރަކަށް ދަށްކުރެވި، ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު ކުޑަކުރެވި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ނުހަނު ބޮޑަށް ކުޑަކުރެވޭނެ ކަމަށެވެ.
މި ދިރާސާއިން ލިބޭ ނަތީޖާތަކުގެ އަލީގައި، ޓެކްނިކަލް ގޮތުންނާއި ވިޔަފާރީގެ ގޮތުން އެކަށީގެންވާ ޓެކްނޮލޮޖީއެއްތޯ އެމް.ޑަބްލިޔޫ.އެސް.ސީ އިން ވަޒަންކުރާނެ ކަމަށާއި، މިއީ ދިވެހިރާއްޖެއަށް އުފެއްދުންތެރި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ފެނުގެ ޢުމްރާނީ ވަޞީލަތްތަކެއް ފޯރުކޮށްދިނުމަށް އެމް.ޑަބްލިޔޫ.އެސް.ސީ އިން ވެފައިވާ ދިގު މުއްދަތުގެ އިލްތިޒާމަށް ލިބޭނެ ބޮޑު ބާރެއް ކަމަށެވެ.


