logo

ޕެންޝަން ފަންޑަކީ ރައްކާތެރި، އިތުރުބާރު ކުރެވޭ ނަމޫނާ ތަނަކަށް ހަދާނަން: ޔަޒްމީދު

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ޕެންޝަން އޮފީހަކީ ރައްޔިތުން އިތުބާރު ކުރާ ނަމޫނާ މުއައްސަސާއަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޕެންޝަން އޮފީހާ ގުޅޭގޮތުން ޔަޒްމީދު ވާހަކަދައްކަވާފައި މިވަނީ އެމްއެމްއޭގެ އިންވެސްޓްމަންޓެއްގައި ސަރުކާރުގެ ފިއްތުއްތަކާ ގުޅިގެން ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރަން އުޅޭ ކަމަށް ބުނެ އާންމުންގެ ތެރޭގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ވަގުތެއްގައެވެ.

ޕެންޝަން އޮފީހުގެ މުވައްޒަފުންނާ ވާހަކަދައްކަވަމުން ޔަޒްމީދު ވިދާޅުވީ ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ޕެންޝަން ފަންޑް ބެލެހެއްޓޭނެ ގޮތްތަކެއް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ޕެންޝަން އޮފީހުގެ އެންމެހައި ކަންކަން އެ އަމާޒަށް ވާސިލުވާނޭހެން އިންތިޒާމުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ޕެންޝަން އޮފީހަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ، ޒަމާނީ، ހަރުދަނާ، އުފެއްދުންތެރި އަދި ނަމޫނާ މުއައްސަސާއަކަށް ހެއްދެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޔަޒްމީދު ވިދާޅުވީ، ޕެންޝަން އޮފީހުގެ މަސައްކަތްތައް ހަރުދަނާ ކުރުމާއި ޕެންޝަން ފަންޑް ރަނގަޅަށް ބެލެހެއްޓުމުގައި އެންމެ ބޮޑު ދައުރަކާއި މަސްއޫލިއްޔަތެއް އޮތީ މުވައްޒަފުންގެ އަތުގައި ކަމަށެވެ. އެއްވެސް މުވައްޒަފަކު މާޔޫސްވާންނުޖެހޭނެ ކަމަށާއި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތްކޮށް، ނަތީޖާ ނެރެދިނުމަށް އެންމެހައި މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުއްވިއެވެ. ޕެންޝަން އޮފީހުގެ މައިގަނޑު މަސައްކަތަކީ ޕެންޝަން ފަންޑް ހިންގައި ރައްކާތެރިކަމާއެކު ބެލެހެއްޓުމެވެ

ad