ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގާ، އަސާސީ ތަމްރީނު ކޯހުގެ 73 ވަނަ ބެޗުން 116 ދަރިވަރުން ދަސްވެނިވެއްޖެ އެވެ.
ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ބޭއްވި 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި، ވަޒީރު ހަސަން ރަޝީދު ވަނީ ލަޝްކަރު ބަލައި ފާސްކޮށްދެއްވުމަށް ފަހު، ކޯހުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވާފަ އެވެ. އަދި ވަޒީރު ވަނީ ދަރިވަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.
މި ކޯހުން 116 ދަރިވަރުން ދަސްވެނިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 22 އަންހެން ދަރިވަރުންނާއި 94 ފިރިހެން ދަރިވަރުންނެވެ.
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑް އަދި ހެވިކަމަށް އެންމެ މޮޅު ދަރިވަރަށް ދޭ "ކޮމާންޑަރ އިސްމާއީލް ދީދީ އެވޯޑް" ހާސިލުކޮށްފައިވަނީ ޕްރައިވެޓް މަހުދީ އަހްމަދެވެ. ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަށް ދޭ "ކޮމާންޑަރ މޮޓަރ ހަސަން މަނިކު އެވޯޑް" ހާސިލުކޮށްފައިވަނީ ޕްރައިވެޓް ރިފާ މުޙައްމަދެވެ. އަދި އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރަށް ދޭ "މޭޖަރ އިނގިރޭސި ޢުމަރު މަނިކު އެވޯޑް" ޕްރައިވެޓް މުހައްމަދު ޝައުން ނާފިއު ހާސިލްކުރި އިރު، މަޒުމޫނު ލިޔުމުގެ މުބާރާތުން އެއްވަނަ ދަރިވަރަށް ދޭ "މޭޖަރ ހުސައިން ޝާކިރު އެވޯޑް" ހާސިލުކުރީ ޕްރައިވެޓް އަސްލަން އިބްރާހީމް ރަޝީދެވެ.
މުޅި ކޯހުން އެއްވަނަ ޕްލެޓޫނަަކަށް ހޮވިފައިވަނީ ޝަހީދު އަލީރަސްގެފާނުު ކޮމްޕެނީގެ ބްރާވޯ ޕްލެޓޫނެވެ.
އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން، މިއަހަރުގެ މާޗު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔަ މި ކޯހުގެ ތަމްރީނުތައް ހިންގާފައިވަނީ އެމްއެންޑީއެފް ގިރިފުށި ޓްރެއިނިންގ ސެންޓަރުގަ އެވެ.
މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ސިފައިންގެ އަޒުމް ލައިދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ހުސައިން އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ނަސްރުﷲ ވަސީމް އަދި، ސިފައިންގެ އޮފިސަރުންނާއި ކޯހުގެ މުދައްރިބުންނާއި، ކޯހުގެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެލެއްވި އެވެ.

