logo

ވަޒީފާގެ ބިރުދެއްކުމަކީ ކުރީ ސަރުކާރުތަކުން ކޮށްފައިވާ ކަމެއް،ޕީއެންސީއަށް ނުވަދެގެން ވަޒީފާއެއް ނުގެއްލޭނެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
9 ގަޑިއިރު ކުރިން

ވަޒީފާގެ ބިރުދެއްކުމަކީ ފާއިތުވި ސަރުކާރުތަކުން ކޮށްފައިވާ ކަމެއް ކަމަށާއި، (ޕީއެންސީ) އަށް ނުވަދެގެން އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ މިހާރު އެއްވެސް ދިވެހި ރައްޔިތަކަށް އޭނާއަށް ނޭނގި ސިޔާސީ ޕާޓީއަކަށް ނުވެއްދޭނެ ކަމަށާއި، ޕާޓީއަކަށް ވަނުމާއި ނުވަނުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޤާނޫނީ ޙައްޤެއް ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

އަދި ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތަކީ ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ފޯރިއާއެކު އެ ޕާޓީން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. ލޯކުރިމަތީގައި ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކަށް އެސްއޯއީތަކުގެ މުވައްޒަފުންނަށް ކުލަ ކާޑު ދައްކައިގެން ދިއުމަށް މަޖުބޫރު ކުރުވި ކަމަށާއި، މިއަދު މިކަންކަން ކުރުވި ސިޔާސީ ވެރިން މިފަދަ ވާހަކަތައް ދެއްކުމުން ކަމަށެވެ.

އިތުރަށް ސުޖާއު ވިދާޅުވީ ވެރިކަމުގައި އުޅުއްވި ދުވަސްވަރު ޕާޓީގެ އޮފީސް ދޫކޮށް "ގަނޑުވަރު" ތަކުގައި ޕާޓީގެ މަސައްކަތް ހިންގި ކަމަށާއި، ޕާޓީ ބަނޑުދަށުލައިގެން އުޅުނު ބޭފުޅުންނަށް ސިޔާސީ ޕާޓީ ހިންގާނެ ގޮތް ނޭނގޭނެ ކަމަށެވެ. މަޤާމުތަކުގައި ތިބެ، ޕާޓީގެ ޙަރަކާތްތަކަށް ނުނިކުމެ ފިލައިގެން އުޅުނު ފަރާތްތަކަށްވެސް ޕާޓީ ހިންގުމުގެ އަސްލު ނޭނގޭނެ ކަމަށްވެސް ސުޖާއުގެ ޕޯސްޓްގައި ފާހަގަ ކޮށްފައި ވެއެވެ.

ad