ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ހަމަ ކޮންމެ މީހަކަށްވެސް އޮތް ފުރުޞަތެއް ކަމަށާއި، ލޭ ހަދިޔާކުރެވެން އޮތް ކޮންމެ މީހަކުވެސް ލޭ ހަދިޔާކޮށް، އިންސާނިއްޔަތަށް އެ ޚިދުމަތް ދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިފަދައިން ގޮވާލެއްވީ، ދުނިޔޭގެ ލޭ ހަދިޔާކުރައްވާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ކުރިއަށްދިޔަ މި ހަފްލާގައި ރައީސްގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދުވަހެއް ފާހަގަކުރުމުގެ މުހިންމު ސަބަބުތަކެއްވާކަން ފާހަގަކުރައްވައި، ލޭ ހަދިޔާކުރާ ފަރާތްތަކަކީ އެއް ގޮތަށްވުރެ ގިނަ ގޮތުން ޚާއްޞަ ޝަރަފުވެރި ބައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ލޭ ހަދިޔާކުރާ ފަރާތްތަކުގެ ޝަރަފުގައި ޚާއްޞަ ދުވަހެއް ފާހަގަކުރެވޭ އެންމެ ޚާއްޞަ އެއް ސަބަބަކީ އެ މަތިވެރި އިންސާނީ ޞަދަޤާތަށް ހިތްވަރުދީ، އަނެކާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޖާނުން ހޭދަވުމުގެ އިންސާނީ މަތިވެރި އަޚްލާޤު އާލާކޮށް، އިންސާނީ މުޖުތަމަޢުގައި ކުލުނާއި އިޙްތިރާމު އާލާކުރުންކަމުގައި އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
މި އަގުހުރި ޚިދުމަތުގައި ދެމިތިބި ފަރާތްތަކަށް ޝުކުރުއަދާކުރައްވާ ލޭ ހަދިޔާކުރުމަށް ބިރުގަނެ، ފަސްޖެހޭ ފަރާތްތަކަށްވެސް އެކަމަނާ ވަނީ، އިންސާނިއްޔަތުކަމުގެ މި އަގުހުރި ޚިދުމަތުގެ ދަރުމަ ލިބިގަތުމަށް ހިތްވަރުދެއްވާފައެވެ.
މީގެ އިތުރުން އެ ހަފްލާގައި، ދިގު މުއްދަތަކަށް ލޭ ހަދިޔާކުރަމުން ގެންދާ ފަރާތްތަކާއި އަލަށް ލޭ ހަދިޔާ ކުރަން ފެށި އުމުރުން 18 އަހަރު ވީ ފަރާތްތަކާއި، ފާއިތުވި އަހަރު އެންމެ ގިނައިން ބްލަޑް ޑޮނޭޝަން ކޭމްޕް ބާއްވައި، ބްލަޑް ޑޮނޭޝަން ކޭމްޕްތަކުން އެންމެ ގިނައިން ލޭހަދިޔާ ކުރި ފަރާތަކަށް، ހަނދާނީ ލިޔުން އަދި ހަނދާނީ ފިލާ ވަނީ ހަވާލުކުރައްވާފައެވެ. އަދި ދިގު މުއްދަތަކަށް ލޭ ހަދިޔާކުރައްވަމުން ގެންދާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ގޯލްޑް އެވޯޑް ރޭގެ ޙަފުލާގައި ހަވާލުކުރައްވާފައިވެއެވެ.
ހަމަމިއާއެކު، މިހާތަނަށް އެންމެ ގިނައިން ލޭހަދިޔާ ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން، ލައިފްޓައިމް ކޮންޓްރިބިއުޝަން އެވޯޑް ހަވާލުކުރެއްވުން ވެސް އޮތެވެ. މި ނަންބަރު ފުރިހަމަކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.
ހަމަމިއާއެކު، މިހާތަނަށް އެންމެ ގިނައިން ލޭ ހަދިޔާ ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން، ލައިފްޓައިމް ކޮންޓްރިބިއުޝަން އެވޯޑް ހަވާލުކުރެއްވުން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަނެކާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، ތިމާގެ ހަށިގަނޑުގެ ލޭ، އެއްވެސް ބަދަލަކާ ނުލައި ހަދިޔާކުރައްވާ ލޭ ހަދިޔާކުރުންތެރީންގެ ޝަރަފުގައި، ބައިނަލްއަޤުވާމީ ފެންވަރުގައި ދުނިޔޭގެ ލޭ ހަދިޔާކުރައްވާ ފަރާތްތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 14 ވަނަ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި ރޭ އޮތް ހަފްލާގައި، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތެރީންނާއި، ލޭ ހަދިޔާކުރައްވާ ގިނަ ޢަދަދެއްގެ ފަރާތްތަކުން ބައިވެރިވެވަޑައިގަތެވެ.

