މޯލްޑިވްސް ހެލްތް އެންޑް ފެމެލީ އެކްސްޕޯ 2026 އާންމުންގެ ބޮޑު ތަރުހީބަކާއެކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ އާއިލާތަކުގެ ދުޅަހެޔޮކަމާއި އާންމު ސިއްޚަތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.މި އެކްސްޕޯ ބޭއްވިގެންދިޔައީ މި ހިނގާ ނޮވެމްބަރު މަހުގެ 5 އިން 7 ވަނަ ދުވަހުގެ ނިޔަލަށެވެ.
މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިފްތިތާޙުކޮށްދެއްވި އިރު، މިއީ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ޒިޔާރަތްކޮށް، ސިއްޚީ ދާއިރާއާ ގުޅުންހުރި މުހިންމު މައުލޫމާތުތަކެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދެވުނު ހަރަކާތެކެވެ.
މި އެކްސްޕޯގައި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގެ އިތުރުން، އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކާއި މަދަނީ ޖަމިއްޔާތައް ހިމެނޭހެން 60 އަށް ވުރެ ގިނަ ސްޓޯލް ބައިވެރިވެފައިވެއެވެ.
މިއެކްސްޕޯގެ ތެރެއިން ސިއްޚީ ކުއްލި ހާލަތްތަކުގައި ގުޅަންޖެހޭ އެހީގެ ނަންބަރުތަކުގެ މައުލޫމާތު ފަސޭހައިން ލިބިގެންދިޔުމުގެ އިތުރުން، ސިއްޚީއަދި އިޖުތިމާއީ ޚިދުމަތްދޭ އެކި އިދާރާތަކުން ލިބެންހުރި ޚިދުމަތްތަކާއި، އެ ޚިދުމަތްތައް ހޯދާނެ ގޮތްތަކުގެ އިރުޝާދު ޒިޔާރަތްކުރި ފަރާތްތަކަށް ވަނީ އޮޅުންފިލުވައިދީފައެވެ.
ހުރިހާ އުމުރުފުރާއަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި މައުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން މުނިފޫހިފިލުވުމުގެހަރަކާތްތަކާއި ކުޑަކުދިންނަށް ތަފާތު ތަޖުރިބާތައް ކޮށްލުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.
މި އެކްސްޕޯއަށް އާންމުންގެ ފަރާތުން ލިބުނު ފުރިހަމަ ތަރުހީބަށް ބަލައި، ސިއްޚަތާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވަނީ އަންނަ އަހަރު މިއަށްވުރެ ފުޅާ ދާއިރާއެއްގައި އަދި އިތުރު ސްޓޯލްތަކާއެކު މި އެކްސްޕޯ ބޭއްވުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

