logo

އިންތިޚާބު ވަނީ ވަގަށް ނަގާފަ: ނަތަންޔާހޫ

މަރްޔަމް
5 ގަޑިއިރު ކުރިން

އިސްރާއީލުގައި ބޭއްވި އާންމު އިންތިޚާބުގައި ސާފު ކާމިޔާބީއެއް ނުލިބުމާ ގުޅިގެން، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކުޑް ޕާޓީން އަރަބި ރައްޔިތުންނަށް ވަގަށް ވޯޓު ނެގުމުގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.
ނަތަންޔާހޫ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ބަޔާނެއްގައި، އަރަބި މާކަންކޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކުގައި "ވޯޓު ވަގަށް ނަގާފައިވާ ކަމުގެ ހެކި" ހުރި ކަމަށް ބުނެ، ތަންފީޒީ އިދާރާތަކުން އެކަމަށް އަވަސް އަދި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ނަމަވެސް ރިޕޯޓްތައް ބުނަގޮތުގައި، މި ތުހުމަތުތަކަށް އެއްވެސް ހެއްކެއް ދައްކާފައި ނުވާއިރު، އިސްރާއީލުގެ ފުލުހުންނާ ހަވާލާދީ ހާމަކޮށްފައިވާ ގޮތުގައި އަރަބި ޕާޓީތަކުން އިންތިޚާބަށް ނުފޫޒު ފޯރުވާފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ނަތަންޔާހޫގެ ކޯލިޝަނަށް ނުވަތަ އިދިކޮޅު ވާދަވެރިޔާ ގާދީ އައިސެންކޮޓްގެ އިއްތިހާދަށްވެސް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

މިއާއެކު، ކުރިއަށް އޮތް ހަފުތާތަކުގައި އާ ސަރުކާރެއް އެކުލަވާލުމުގެ ދިގު މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.

މީގެއިތުރުން، ފަލަސްތީނުގެ ރައްޔިތުންނާ މެދު ނަތަންޔާހޫ ގެންގުޅުއްވާ ސިޔާސަތުތަކާ މެދު ހުރި ނުރުހުމުގެ ސަބަބުން އަރަބި ވޯޓަރުން ނުކުތް އަދަދު ރެކޯޑު މިންވަރަކަށް އިތުރުވެ، އަރަބި ޕާޓީތަކުން ވަނީ ކުރިން ލިބުނު 10 ގޮނޑީގެ ބަދަލުގައި 19 ގޮނޑި ކާމިޔާބުކޮށް ސިޔާސީ ގޮތުން ބޮޑު ބާރުވެރިކަމެއް ހޯދާފައެވެ.

ވޯޓު ގުނަމުންދިޔަ ވަގުތު ނަތަންޔާހޫ ވަނީ އަރަބި ވޯޓަރުންނާ މެދު ބިރުވެރިކަން އުފެއްދުމުގެ ގޮތުން ސޯޝަލް މީޑިއާގައި މެސެޖުތަކެއް އާންމުކުރައްވާފައެވެ. އޭނާ ވަނީ އަރަބި ވޯޓަރުން ބަސްބަހުގައި ވޯޓުލާ މަރުކަޒުތަކަށް ދާއިރު ކަނާތުފިޔައިގެ ސަޕޯޓަރުން ނިދާފައި ތިބި ކަމަށް ބުނެ، ލިކުޑް ޕާޓީއަށް ވޯޓު ނުދީފިނަމަ މުސްލިމް ބްރަދަހުޑްއިން ސަރުކާރުގެ ބާރު ނަގައިފާނެ ކަމުގެ އިންޒާރުދީ، ވޯޓުލާން ނުކުތުމަށް އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.
މި އިންތިޚާބުން އިސްރާއީލުގެ ސިޔާސީ މަޝްރަހުގައި ހުރި ބޮޑެތި ހިޔާލުތަފާތުވުންތައް ފެންނަން ހުރިއިރު، މިއީ އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާމެދު އާންމުންގެ މެދުގައި ހުރި ނުރުހުން ހާމަވެގެންދިޔަ ކަމެކެވެ. މިއީ ކުރިއަށް އޮތް އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ކެންޑިޑޭޓުންނަށް އާންމުންގެ ނުރުހުން އަމާޒުވެދާނެ ކަމުގެ ނިޝާނެއްގެ ގޮތުގައިވެސް ބެލެވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ތާއީދުކުރައްވާކަން ހާމަކުރައްވައި، އޭނާ ވެރިކަމުގައި ހުރެއްޖެނަމަ އީރާނާ ދެކޮޅަށް ކުރާ މަސައްކަތް "ނިންމާލެވޭނެ" ކަމަށް ވިދާޅުވެފައެވެ.

ad