ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. ނޮޅިވަރަންފަރަށް ވަރަށް ބޯކޮށް ވާރެވެހި ގިނަ ގެތަކުގެ އަޑިން ފެން އަރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ހދ. ނޮޅިވަރަންފަރަށް ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވެގެން މިހާތަނަށް 60 އަށްވުރެ ގިނަ ގެއަކުން ވަނީ ރިޕޯޓްކޮށްފައެވެ. ގިނަ ގެތަކުގެ އަޑިން ފެން އަރަމުންދާއިރު، ހިފާގެންގުޅޭ ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ނަމަވެސް އެއްވެސް ގެއަކުން މީހުން ހުސްކުރަންޖެހޭ ހާލަތަކަށް އަދި ގޮސްފައި ނުވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. އެ ރަށުގައި ފުލުހުންނާއި ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއާއި ކަމާއިބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

