ސަރުކާރުގެ މުހިންމު ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި އަލިފާނުގެ ހާދިސާއަކީ ބަޔަކު މީހުން ގަސްދުގައި ހުޅުޖަހައިގެން ހިނގި އަލިފާނުގެ ހާދިސާއެއް ނޫންކަން ތަހުގީގުން ސާބިތުވާކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އަލީ އިހުސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ ދިވެހި ފުލުހުންނާއި އަވަށްޓެރި ގައުމުތަކުގެ އެހީތެރިކަމާ އެކު މި ހާދިސާގެ ތަހުގީގު ނިންމާލާފައިވާކަމަށެވެ. ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓް ވަޔަރުތަކެއްގައި ރޯވެގެންކަން ތަހުގީގަށް ސާބިތުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ހާދިސާ ހިނގި ވަގުތު އެތަނަށް ދިޔަ ފުލުހުންގެ ބޮޑީކެމްގެ ފުޓޭޖްތަކުން ވެސް އެކަން ސާބިތުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި އެ ހާދިސާ ހިނގީ ބަޔަކު ގޮސް އެތަނުގައި ރޯކޮށްލުމުން ނޫންކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
2024 ވަނަ އަހަރުގެ ޑިސެންބަރުމަހުގައި އޭރުގެ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ ހިންގާ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ވުޒާރާއާއި އެ އިމާރާތުގައި ހިންގަމުން އަންނަ އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާ ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.
އަދި އެ އިމާރާތާއި އިންވެގެން ހުންނަ ގްރީން ބިލްޑިންގައި ހިންގަމުން އަންނަ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއަށްވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.
އެހާދިސާއަށްފަހު، ތިން ވުޒާރާ ވަގުތީ ގޮތުން މިހާރު ހިންގަނީ ދަރުބޭރުގޭގައެވެ.
އިމާރާތުގައި ހިންގަމުން އަންނަ އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގައި ރޯވި އަލިފާންގަނޑު ފެތުރި ބޮޑެތި ގެއްލުންތަކެއް ލިބުނު ހާދިސާގެ ތަހުގީގު ފުރަތަމަ ދުވަހު ވެސް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

