8 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައެއްގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ އިމުރުން 29 އަހަރުގެ މުހައްމަދު މުސްތާކް ޖަމާލް އާއި އުމުރުން 26 އަހަރުގެ ސިރަޖުދީން ރަޝިތާ) އާއި ލ.ގަން / މުކުރިމަގު ،ފޭރުގަސްދޮށުގެ އުމުރުން 33 އަހަރުގެ އަޙްމަދު އަފްރާޙް އާއި ކ.މާލެ / ހ.ކަހަފަތި އުމުރުން 42 އަހަރުގެ އިލްޔާސް އަޙްމަދުގެ އިތުރުން ކ.މާލެ / ގ.ހޭޅި ، އުމުރުން 36 އަހަރުގެ ޙަސަން ޝަމްޢޫންއެވެ.
މި ފަސްމީހުންނަކީ 8 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ފަސް މީހުންނެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކާއި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި މަހުގެ 9 ވަނަ ދުވަހު އެވެ. މި މައްސަލައާ ގުޅިގެން މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މިމައްސަލައާ ގުޅިގެން ކަސްޓަމްސް އިން ބުނެފައިވަނީ އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 8.4 ކިލޯ ހުރި އިރު އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 6 މިލިއަން ދިވެހި ރުފިޔާ އަށްވުރެ އިތުރުވާނެ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

