logo

މަނީ އެކްސްޗޭންޖަރުންގެ މަސައްކަތް މޮނީޓަރކުރެވޭނެ ޒަމާނީ ސިސްޓަމެއް އެމްއެމްއޭއިން އިފުތިތާހުކޮށްފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
ދުވަހެއް ކުރިން

މަނީ އެކްސްޗޭންޖަރުންގެ މަސައްކަތް މޮނީޓާކޮށް ރިޕޯޓް ކުރެވޭނެ ޒަމާނީ ސިސްޓަމެއް މަރުކަޒީ ބޭންކު، އެމްއެމްއޭއިން އިފުތިތާހުކޮށްފިއެވެ. މަނީ އެކްސްޗޭންޖް ލައިސަންސް ދޫކޮށްފައިވާ ހުރިހާ ފަރާތްތަކަކުން ވެސް މުއާމަލާތްތައް ރެކޯޑްކޮށް، ރިޕޯޓް ކުރުމަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޭނުންކުރަން ޖެހޭނީ އާ ސިސްޓަމެވެ.

އަލަށް ތައާރަފުކުރި "މަނީ ޗޭންޖާ ސިސްޓަމް" އަކީ އެ ވިޔަފާރިކުރާ ފަރާތްތަކުގެ އިދާރީ އަދި އޮޕަރޭޝަނަލް މަސައްކަތްތައް ޑިޖިޓަލް ކުރުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެއް ކަމަަށް އެމްއެމްއޭއިން ބުންޏެވެ. އެމްއެމްއޭއިން ބުނީ މި އާ ޕްލެޓްފޯމުގެ ސަބަބުން، މަނީ އެކްސްޗޭންޖިން ވިޔަފާރިކުރުމުގެ ލައިސަންސް ދީފައިވާ ފަރާތްތަކުގެ މަސައްކަތްތައް އޮޓޮމޭޓްވެ ޒަމާނީ ކުރެވޭނެކަމަށެވެ. އަދި އެމްއެމްއޭ އާއި ލައިސަންސް އޮންނަ ފަރާތްތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް ވެސް އަވަސްވެ، ފަސޭހަވެގެންދާނެ ކަމަށެވެ. އޭގެ އިތުރުން ބޭރު ފައިސާ މާރުކުރުމާ ގުޅޭ މުއާމަލާތްތައް ރިކޯޑް ކުރުމަށާއި ރިޕޯޓް ކުރުމަށް ވެސް މީގެ ސަބަބުން ފަސޭހަވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. ގަވާއިދުން އެމްއެމްއޭއަށް ފޮނުވަންޖެހޭ މައުލޫމާތުތައް އެ ސިސްޓަމް މެދުވެރިކޮށް، ހިއްސާކުރުމުގެ އިތުރުން، ފައިސާ މާރުކުރުމުގެ މުއާމަލާތްތަކުގެ ރިޕޯޓުތައް ވެސް ހުށަހެޅޭނެ ގޮތް ވަނީ ފަހިކޮށްދީފައެވެ. އޭގެ ނަތީޖާއަކީ މަނީ އެކްސްޗޭންޖިންގެ ވިޔަފާރީގެ ކަންކަން ސުޕަވައިޒްކޮށް ބެލެހެއްޓުމުގައި އިތުރު ފަސޭހަތަކެއް ލިބި، މާލީ ދާއިރާ އިތުރަށް ހަރުދަނާވުމަށް މަގުފަހިވުން ކަމަށް އެމްއެމްއޭއިން ބުންޏެވެ. "މަނީ ޗޭންޖާ ސިސްޓަމް" އިފްތިތާހު ކޮށްދެއްވީ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީއެވެ.

ad