ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަންއުޅުނު ތިންކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، ތިން މީހުން ހައްޔަރުކޮށްފިއެވެ.
އެ މީހުންގެ ތެރެއިން ދެ މީހުން ހައްޔަރުކޮށްފައިވަނީ، މި މަހު 22 ވަނަ ދުވަހު އިންޑިއާއިން ރާއްޖެއައި އިންޑިއާ ދެ މީހުންގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެންނެވެ. އަނެއް މީހާ ހައްޔަރުކޮށްފައިވަނީ ސައުތު ޕޮލިސް ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންއާއި، ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަބްދުﷲ އިބްރާހީމް 15 ދުވަހަށް އަދި އަނެއް ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

