ދިވެހި ކުންފުނިތަކާ ހަވާލުކޮށްގެން ތަރައްގީ ކުރާ 1000 ހައުސިންގ ޔުނިޓުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް މައުލޫމާތު ދެއްވަމުން ބިނާރާ ގެދޮވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މިހަފުތާގެ ތެރޭގައި 1000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުންފުނިތަކާއި ޙަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ. މިމަޝްރޫޢުގެ މަސައްކަތް 5 ކުންފުންޏަކަށް ޙަވާލުކުރުމަށް ނިންމާފައިވާ ކަމަށާއި މިއީ، 100 އިންސައްތަ ދިވެހި ކުންފުނިތަކެއްކަން ނާޒިމް ވަނީ ފާހަގަކުރައްވަފައެވެ. އަދި ކޮންމެ ކުންފުންޏަކުން 200 ހައުސިން ޔުނިޓު ތަރައްގީ ކުރުމަށް ހަވާލު ކުރާނެ ކަމަށް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ކޮންމެ ކުންފުންޏަކާ ހަވާލުކުރާ 200 ޔުނިޓުގެ ތެރޭގައި 60 ޔުނިޓަކީ ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަކަށްވާ އިރު، 140 ޔުނިޓަކީ ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޔުނިޓުތަކަކީ މީގެ ކުރިން ރާއްޖޭގައި ސޯޝަލް ހައުސިންއަށް ތަރައްގީކޮށްފައިވާ ޔުނިޓުތަކަށްވުރެ ޖާގަ ތަނަވަސް، ފެންވަރު ރަނގަޅު ތަންތަން ކަން ނާޒިމް ފާހަގަކުރެއްވިއެވެ. އެގޮތުން ދެ ކޮޓަރީގެ އެޕާޓްމަންޓުތައް 700 އަކަފޫޓަށްވުރެ ބޮޑުވާނެ ކަމަށާއި ތިން ކޮޓަރީގެ އެޕާޓްމަންޓުތައް 950 އަކަފޫޓަށްވުރެ ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން މިއިމާރާތްތަކުގެ ފިނިޝިންއާއި އިމާރާތުގެ ކުރިމަތީގައި އޮންނަ ޖާގަ ފަދަ ކަންކަން ކުރީގެ މަޝްރޫޢުތަކާއި ތަފާތުވާނެކަން ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަމުންނެވެ. މި މަޝްރޫއުތައް މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައި ވެސް އެކި މަރުހަލާތަކުގައި ކުރިއަށް އެބަދެއެވެ.

