logo

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ޝާއިއުކުރުން މަނާކުރާ އިސްލާހު އަނބުރާ ގެންދަން ޖެހޭ: އެމްޑީޕީ

އާމިނަތު މޫސާ
5 ގަޑިއިރު ކުރިން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރު ވިއްކާ އަގު ރިޕޯޓް ކުރުމަކީ ކުށެއް ކަމަށް ބޭރުފައިސާއާ ބެހޭ ގާނޫނުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރުމުން އެކަން އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

ކޮމިޓީން ގެނައި އިސްލާހުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ރޭޓު އާންމުކުރީ ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ނަމަ، 100،000 ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ހިމަނާފައިވެއެވެ. އޭގެ އިތުރުން، އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓަށްވުރެ އަގުބޮޑުކޮށް ބޭރުފައިސާ ވިއްކަން އިޝްތިހާރުކުރުމާއި އެކަމަށް ހިތްވަރުދޭ ލިޔުންތައް ޝާއިއުކުރުމަކީ 25،000 ރުފިޔާއާއި 500،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ކުށެއް ކަމަށް ކޮމިޓީން ނިންމާފައިވެ އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ބޭރުފައިސާއާ ބެހޭ ގާނޫނުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅުމަކީ އޭގެ އަސްލު މަގުސަދު އޮޅުވާލެވޭނެ ކަމެއް ނޫން ކަމަށާއި މިއީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ސީދާ އަމާޒުކޮށް ދީފައިވާ ހަމަލާއެއް ކަމަށެވެ. ދިވެހިންނަށް ޑޮލަރު ގަންނަން މަޖުބޫރުވެފައިވާ އަގު ނޫސްވެރިން ރިޕޯޓް ކުރުމުން އެކަމަށް އަދަބު ދިނުމަކީ ޑޮލަރުގެ އަގު ދަށްވާނެ ކަމެއް ނޫން ކަމަށްވެސް އެމްޑީޕީން ބުނެފައިވެ އެވެ.

އެމްޑީޕީން ބުނި ގޮތުގައި މިއީ މިނިވަން މީޑިއާއަށް ހުރަސްއެޅުމަށް ސަރުކާރުން ހިންގަމުންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ކަމެކެވެ. ޑޮލަރުގެ ހަގީގީ ރޭޓު ސިއްރުކުރުމަކީ އެ އަގުގައި މުއާމަލާތްކުރުން ހުއްޓޭނެ ކަމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި މިއީ ކަޅު ބާޒާރު އިތުރަށް ވަރުގަދަވެ، ކުންފުނިތަކާއި އިންވެސްޓަރުންގެ އިތުބާރު އިތުރަށް ގެއްލިގެންދާނެ ކަމެއް ކަމަށްވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ މި އިސްލާހުތައް އަނބުރާ ގެންގޮސް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާފަ އެވެ.

ad