ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށް އިންޑިއާއިން ދިވެހި ސަރުކާރަށް ދޫކޮށްފައިވާ ކޯޓާ އިތުރުކޮށްފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ހާއްސަ ގުޅުމުގެ ތެރެއިން މި އަހަރާއި އަންނަ އަހަރަށް ކަނޑައެޅިފައިވާ ކޯޓާގެ އަދަދު އިތުރުކުރެވިފައިވާ ކަމަށެވެ. މިއީ 1981 ވަނަ އަހަރުން ފެށިގެން އަމަލުކުރެވެމުން އަންނަ އެއްބަސްވުމުގެ ދަށުން ކޯޓާގެ އަދަދު އެންމެ ބޮޑަށް އިތުރުކުރެވުނު ފަހަރު ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ހައި ކޮމިޝަނުގެ ބަޔާނުގައި ބުނީ، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، 2026 އަދި 2027 ވަނަ އަހަރަށް އިންޑިއާ ސަރުކާރުން ބިސް، އަލުވި، ފިޔާ، ހަނޑު، ހަކުރު އަދި ހިލަ އަދި ހިލަވެލި ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފައިވާކަމަށެވެ.
އެގޮތުން ހިލައާއި، ހިލަވެއްޔަކީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް ވަރަށް ބޭނުންތެރި ތަކެތި ކަމަށް ބަޔާނުގައިވެއެވެ. ބަޔާނުގައި ވަނީ، މި އަހަރު ތެރޭގައި ރާއްޖެއަށް ހަނޑޫ އެސްކޯޓް ކުރާ ކޯޓާ %77 އިތުރުވެފައިވާ ކަމަށް ބުނެފައެވެ.
ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށް ކޯޓާ ރެކޯޑް އަދަދަކަށް އިތުރުކޮށްދިން އިރު، ދިވެހިރާއްޖެއާއި އެކި ގައުމުތަކާއެކު އޮތް ވިޔަފާރިއާއި އިގުތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ބޭނުންވާ ޓާމްސްް އޮފް ރިފަރެންސްްގައި މިދިޔަ މާރިޗު މަހު ވަނީ ސޮއިކޮށްފައެވެ.
ވިޔަފާރީގައި ޓާމް އޮފް ރިފަރެންސްއަކީ ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ ކުރިން އެ އެއްބަސްވުމެއްގެ މައިގަނޑު ޝަރުތުތަކާއި އަސާސީ ސިފަތައް ހިމެނޭ ގޮތަށް އެކުލަވައިލެވޭ އޮނިގަނޑެކެވެ. ފަހުގެ މަރުހަލާތަކުގައި ކުރެވޭ މަޝްވަރާތަކަށް ފަހު ތަފުސީލު އެއްބަސްވުން އެކުލަވައިލެވޭއިރު އެ އެއްބަސްވުން ތައްޔާރުކުރެވޭނީ ޓާމްސް އޮފް ރިފަރެންސްގެ އިމުގެ ތެރޭގައެވެ.
ދެހާސް ފަންސަވީސް ވަނަ އަހަރުގެ ޖުލައި މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ދެ ގައުމުގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ.
މި ސަރުކާރުން އަންނަނީ ވިޔަފާރީގެ ދާއިރާ ހިމެނޭހެން ގިނަ ދާއިރާތަކަކުން އިންޑިއާއާ ގުޅުން ބަދަހިކޮށް ދިވެހިންނަށް ފުރުޞަތު ފަހިކޮށްދެމުންނެވެ.

