logo

ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓް ބޮޑު ކުރަނީ

އާމިނަތު މޫސާ
6 ދުވަސް ކުރިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުން ކޮންމެ ކަސްޓަމަރަކަށް ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރުމަށް ކޮންމެ މަހަކަށް ކަނޑާއަޅާފައިވާ ލިމިޓް ފެބްރުއަރީ އެކަކުން ފެށިގެން އިތުރުކޮށްފިއެވެ.

މިކަން ކުރިން އިއުލާން ކުރައްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. ރައީސް އެއިރު ވިދާޅުވީ، ކްރެޑިޓް ކާޑް އިން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 1 ފެބްރުއަރީ 2026 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ބައެއް ކާޑުތަކުގެ ލިމިޓް ބޮޑު ކުރެވޭނެ ކަމަށެވެ.

ބީއެމްއެލް އިން ވަނީ އެ ބޭންކުން ދޫކުރާ 3 ބާވާތެއްގެ ކްރެޑިޓް ކާޑުތަކުން ރާއްޖޭން ބޭރުން ގަންނަ މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ ލިމިޓް އިތުރުކޮށްފައިވާ ކަމަށް ބުނެފައެވެ. މިއީ ބީއެމްއެލްއިން ކޮންމެ މީލާދީ މަހަކަށް ކަނޑައަޅާފައިވާ ލިމިޓެކެވެ. އެގޮތުން ކްލެސިކް ކްރެޑިޓް ކާޑާއި، ގޯލްޑް ކްރެޑިޓް ކާޑުގެ އިތުރުން ޕްލެޓިނަމް ކްރެޑިޓް ކާޑަށް ދޫކުރާ ލިމިޓް ވަނީ އިތުކޮށްފައެވެ.

އެގޮތުން އެ ދުވަހުން ފެށިގެން ކްލެސިކް ކްރެޑިޓް ކާޑުން ބޭރުގެ މުއާމަލާތްތަކަށް ކުރިން ކަނޑަޅާފައި އޮތް 750 ޑޮލަރުގެ ބަދަލުގައި، 1،400 ޑޮލަރަށް އިތުރުވެގެން ދާނެއެވެ.

އަދި ގޯލްޑް ކްރެޑިޓް ކާޑުން މުއާމަލާތްތަކަށް ކުރިން ކަނޑަޅާފައި އޮތް 750 ޑޮލަރުގެ ބަދަލުގައި، 1،500 ޑޮލަރަށް އިތުރުވެގެންދާއިރު، ޕްލެޓިނަމް ކްރެޑިޓް ކާޑުން މުއާމަލާތްތަކަށް ކުރިން ކަނޑަޅާފައި އޮތް 1500 ޑޮލަރުގެ ބަދަލުގައި، 3،000 ޑޮލަރަށް އިތުރުވެގެން ދާނެއެވެ.

މި ބަދަލަށް ޢަމަލުކުރަން ފަށާނީ، އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ބީއެމްއެލްއިން ބުނީ މިއީ ކޮންމެ ކަސްޓަމަރަކަށް ޑެބިޓް ކާޑުން ބޭނުންކުރެވޭ ލިމިޓުގެ އިތުރަށް އެ ކަސްޓަމަރެއްގެ ކްރެޑިޓް ކާޑަށް ހަމަޖައްސާފައިވާ ލިމިޓެއް ކަމަށެވެ.
ބީއެމްއެލް އިން ޑެބިޓް ކާޑު ލިމިޓަށް ބަދަލު ގެނެސްފައިވާއިރު، ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް މިދިޔަ ނޮވެންބަރު މަހު ވަނީ އިތުރުކޮށްފައެވެ. އަދި އެއާލައިންތަކުން ޓިކެޓް ގަތުމަށާއި، ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑުން ހޮޓަލަށް ފައިސާ ދެއްކުމާއި، ޚަރަދު ކުރާ އަދަދު 3000 ޑޮލަރަށްވަނީ އިތުރުކޮށްފައެވެ. މިއާއެކު ޑެބިޓް ކާޑު މެދުވެރިކޮށް ބޭސްފަރުވާއަށް މިއަދަދުން ހޮސްޕިޓަލްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެ ކަމަށް މީގެ ކުރިން ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ad