logo

ދުނިޔޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަކީ އެންމެންގެ ޒިންމާއެއް- މިނިސްޓަރ ޤީލާ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 ގަޑިއިރު ކުރިން

ދުނިޔޭގެ ސިއްހީ ނިޒާމު އަލުން ބައްޓަންކުރުމުގައި ޤަޢުމުތަކުގެ އިސްނެގުމާއި، ދެމެހެއްޓެނިވި މާލީ އެހީތެރިކަން ކަށަވަރުކުރުމަށް ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ގޮވާލައިފިއެވެ.

މި ގޮވާލުން އިއްވާފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އާންމު ބަހުސްގައި މި ސަރަހައްދުގެ މެންބަރު ޤަޢުމުތަކުގެ ފަރާތުން ދިވެހިރާއްޖޭގެ ޞިއްޙީ ވަޒީރު ޤީލާ ޢަލީ އިއްވެވި ބަޔާނުގައެވެ۔

ވަޒީރުގެ ބަޔާނުގައި، ދުނިޔޭގެ ޞިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާއި ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން، މިއީ ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ބަދަހިކުރަންވީ ވަގުތުކަން ފާހަގަކުރެއްވިއެވެ. މިފަދަ ދަނޑިވަޅެއްގައިވެސް، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ވަނީ ބަލިތައް ކޮންޓްރޯލްކުރުމާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމާއި، ޑިޖިޓަލް ހެލްތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ނަތީޖާތަކެއް ހޯދާފައިކަން ފާހަގަކުރެއްވިއެވެ۔ ޚާއްސަކޮށް، ބަލިތައް ނައްތާލުމުގައި މި ސަރަހައްދުން ހޯދާފައިވާ ކާމިޔާބީތަކާއި، ދުންފަތާ ދެކޮޅަށް އާ ޖީލުތައް ރައްކާތެރިކުރުމަށް (ޖެނެރޭޝަނަލް ބޭން) އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، މި ސަރަހައްދަކީ ދުނިޔެއަށް ނަމޫނާ ދައްކަމުންދާ ސަރަހައްދެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ۔

ދުނިޔޭގެ ޞިއްޙީ އޮނިގަނޑު އިސްލާހުކުރުމުގައި ތިން މައިގަނޑު އަސާސަކަށް މި ސަރަހައްދުން ބާރުއަޅައެވެ۔ އެއީ ގައުމުތަކުގެ އިސްނެގުން (ކަންޓްރީ ލީޑަރޝިޕް) މަރުކަޒީކޮށް، ހެކިތަކުގެ މައްޗައް ބިނާވެފައިވާ ނިންމުންތައް ނިންމުމުގެ ގާބިލުކަން އިތުރުކުރުމާއި، އިންސާފުވެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި މާލީ އެހީތެރިކަން ކަށަވަރުކުރުމާއި، އަދި ސަރަހައްދީ ފެންވަރުގައި ކުރިމަތިވާ ޞިއްޙީ ގޮންޖެހުންތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ގުޅުންތައް މިހާރަށްވުރެ ހަރުދަނާކުރުމެވެ۔ މި މަސައްކަތްތައް ކާމިޔާބު ކުރުމަށްޓަކައި، ސަރަހައްދީ ހާލަތްތައް ރަނގަޅަށް ދަންނަ، ގާބިލު އަދި ހަރުދަނާ ލީޑަރޝިޕެއް ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ ހުރިހާ ފަންތިއެއްގައި އޮތުމަކީ މުހިންމު ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ۔

ބަޔާން ނިންމަވާލައްވަމުން ވަޒީރު ވަނީ، ދާއިރާގައި ހުރި ގޮންޖެހުންތަކުން އަރައިގަނެ، އެންމެން ގުޅިގެން ނަތީޖާ ނެރުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އެހީތެރިކަމާއި އެއްބާރުލުން އިތުރުކޮށް، ބައިބައިވުމުގެ ބަދަލުގައި އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމުން، ޞިއްޙީ ގޮންޖެހުންތަކުން އަރައިގަނެ، މުޅި ދުނިޔެއަށް ހަގީގީ ބަދަލެއް ގެނެވޭނެ ކަމުގެ ޔަގީންކަން ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ދޭކަން ވަނީ ހާމަކުރައްވާފައެވެ.

ad