ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ނެރުނު ސަމާލުގައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މެޓުން މިއަދު މޫސުން ލަފާކޮށްފައި ވާގޮތުން، މެދުރާއްޖެތެރެއާއި އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. ވައި ޖެހޭނެކަމަށް ލަފާކޮށްފައިވަނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މެޓުން އިއްޔެ ބުނި ގޮތުގައި ހައްޖާއި އީދު އުތުރާއި މެދުރާއްޖެއަށް ވިއްސާރަކުރާނެ ކަމަށެވެ. އެހެންނަމަވެސް އީދަށް ދެކުނަން މޫސުން ރަނގަޅުވާނެ ކަމަށެވެ.
ހުރިހާ ފަރާތްތަކުން ވެސް ކަނޑުދަތުރު ކުރާއިރު މޫސުމަށް ސަމާލުވެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، އީދު ދުވަހު ވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާ އެކު ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ފުރިހަމަ ސަލާމަތީ ފިޔަވަޅުތައް ނާޅައި ދަތުރުތަކަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.

