ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލުތަކެއް ތަކުރާރުވަމުންދާނަމަ، އެ ޕާޓީއާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ޕީއެންއެފް އިން ކުރިއަށްގެންދާ އެއްވުންތަކާއި ގުޅިގެން އީސީން ރޭ ނެރުނު ބަޔާނުގައި ވަނީ، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި، ހަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ.
އަދި ސިޔާސީ ހަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ގަނޫނުގައި ހުއްދަކުރާ ދާއިރާގެ ތެރެއިން އަމަލުކުރުމަކީ ގާނޫނުން ލާޒިމްކޮށްފައިވާ ކަމެއް ކަަމަށް އެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ބުނީ، ސިޔާސީ ޕާޓީއެއްގެ މެންބަރުން ނުވަތަ އެޕާޓީއަކަށް ތާއިދުކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުންގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭފަދަ އަމަލެއް ކުރުމާއި އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެއް ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރުމަކީ ސިޔާސީ ޕާޓީގެ ގާނޫނުގެ ބަޔާންކުރާ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، ޕީއެންއެފް އިން ބާއްވަމުންދާ އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލުތައް ތަކުރާރުވަމުންދާ ކަމުގެ މައުލޫމާތު ކޮމިޝަނަށް ލިބިފައިވާތީ، އެފަދަ ކަންކަން ނުކުރުމަށް އެ ޕާޓީއަށް މިހާރު ވާނީ ނަސޭހަތްތެރިވެފައެވެ. އަދި މިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމިޝަނަށް ހާޒިރުވުމަށް އެދުމުން، އެ ޕާޓީން އެކަމަށް އުޒުރުވެރިވެފައިވާ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މިފަދަ އަމަލުތައް އިތުރަށް ތަކުރާރުވާނަމަ، ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެ ޕާޓީއާ މެދު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.
