އަހަރުތަކަކަށް މެދުކަނޑާލާފައިވާ އޭލެވެލް އެޑެކްސެލް މެއި، ޖޫން އިމްތިޙާނު، މިއަހަރުން ފެށިގެން އަލުން ރާއްޖޭގައި ބާއްވާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ރާއްޖޭގައި އޭލެވެލް އެޑެކްސެލް މެއި/ޖޫން އިމްތިހާން ދިނުން ހުއްޓާލާފައިވަނީ 2019 ވަނަ އަހަރެވެ. މިއީ އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި މެއި، ޖޫން އިމްތިހާނު ދިނުން ހުއްޓާލުމާ ގުޅިގެން، އެ އިމްތިހާނު ހަދަން ބޭނުންވާ ކެންޑިޑޭޓުން ރާއްޖެއިން ބޭރަށް ދަތުރު ކުރުމާއި، ހުރުމުގެ ޚަރަދަށް އެކަނިވެސް އެވްރެޖްކޮށް 30,000 ރުފިޔާ އަށްވުރެ ގިނަ ފައިސާ ހޭދަވާކަން ވަނީ ފާހަގަކުރެވިފައެވެ.
މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަމިއްލަ ކެނޑިޑޭޓުންނަށް އޭލެވެލް އެޑެކްސެލްގެ މައްދާތަކުގައި ބައިވެރިވާން ބޭނުންވާ ކެނޑިޑޭޓުންނަށް މިއަހަރުން ފެށިގެން އިމްތިހާނުތައް އަލުން ބައްވާގޮތަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އޭލެވެލް އެޑެކްސެލް މެއި،ޖޫން އިމްތިހާން ސީރީސްއާ ގުޅޭ މައުލޫމާތު މިހިނގާ ފެބުރުއަރީމަހުގެ 4 ވަނަ ދުވަހުން ފެށިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން އާންމުކުރާނޭކަމަށެވެ. މި އިމްތިހާން މެއި،ޖޫންގައި ރާއްޖޭގައި އަލުން ފެސިނަމަވެސް ސްކޫލްތަކުގެ ދަރިވަރުންނަށް އޭލެވެލް އިމްތިހާން މިހާރެކޭ އެއްގޮތަށް އޮކްޓޯބަރު،ނޮވެމްބަރުގައި ކުރިއަށްދާނޭކަމަށް މިނިސްޓްރީން ބުނެއެވެ.

