އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިތުރު ފަރުވާއަށް މާލެ ގެނައި ދެމީހުންނަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ބިދޭސީންތަކެއް ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކެއްގައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ އިދާރާއަށް މިހާދިސާގެ މައުލޫމާތު ރިޕޯޓް ކޮށްފައިވަނީ ރޭ މެންދަމު 2:00 ހާއިރު އެވެ.
ފުލުހުން ބުނީ މިހާދިސާގައި 8 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި އޭގެތެރެއިން ފަސް މީހަކު ނިޔާވެއްޖެއެވެ. ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ 2 މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުގައިވަނީ ފަރުވާ ދޭން މިހާރު ވަނީ ފަށާފައެވެ. އައިޖީއެމްއެޗުން ބުނީ، މި ދެ މީހުންގެވެސް ހާލު ވަރަށް ސީރިއަސް ކަމަށާއި ދެމީހުންނަށްވެސް މިހާރު ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން މާލެއިން ހާއްސަ ތަހްގީގު ޓީމެއް ދިގުރަށަށް މިހާރު ވަނީ ގޮސްފައެވެ. މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނެއެވެ.
އެކޮމަޑޭޝަން ބްލޮކްގައި ރޯވި އަލިފާން މިހާރު ވަނީ ނިއްވާލާފައި ކަމަށްވެސް ފުލުހުން ބުންޏެވެ.
