ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ނުރުއަތު ނެގުން މިހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރެއެވެ. ކެންޑިޑޭޓުންގެ ގުރުއަތުން ބުރާސްފަތި ދުވަހު އޮންނައިރު، ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ނަގަން ބޭނުންވާ ކެންޑިޑޭޓުންނަށް އެ ފުރުސަތު އޮންނާނީ އެ ދުވަހާ ހަމައަށެވެ. އިންތިހާބުގެ ކަންކަން ވަކި ޓައިމްލައިނެއްގެ ތެރެއިން ކުރަމުންދާއިރު މިހާރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށް، ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ މިހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ނަގަން ބޭނުންވާ މީހުންނަށް އެދުވަހާއި ހަމައަށް ފުރުސަތު އޮންނާނެއެވެ.
އިންތިހާބުގެ ކަންކަން ވީހާވެސް ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ގެންދިއުމަށް ކޮމިޝަނުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެހެން އިންތިހާބުތަކެކޭ އެއްގޮތަށް މިއިންތިހާބުގައިވެސް އިންތިހާބާއި ގުޅޭ ޝަކުވާތައް ބަލައިގަތުމަށް ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ވަނީ ގާއިމްކޮށްފައެވެ. މިހާތަނަށް 4 ޝަކުވާ ހުށަހަޅާފައިވާއިރު، އެޝަކުވާތަކުގެ ޖަވާބުވެސް ކޮމިޝަނުން ވަނީ ދީފައެވެ.
މިފަހަރުގެ އިންތިޚާގައި 6 ސިޔާސީ ޕާޓީއަކުން ވާދަކުރެއެވެ. ސިޔާސީ ޕާޓީތަކުން 1210 ކެންޑިޑޭޓުން ވާދަކުރާއިރު އަމިއްލަ ގޮތުން ވާދަކުރަނީ 401 ކެންޑިޑޭޓުންނެވެ. މިފަހަރުގެ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޓޭޓުން ވާދަކުރަނީ ވެރިކަންކުރާ ކޮންގްރެސް ޕާޓީންނެވެ. ކައުންސިލްތަކަށް ޖުމްލަ 678 ކެންޑިޑޭޓުން އިންތިޚާބުކުރާއިރު ވެރިކަންކުރާ ކޮންގްރެސް ޕާޓީން ކައުންސިލް އިންތިޚާބުގައި 665 ކެންޑިޑޭޓުން ވާދަކުރެއެވެ.
މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މި އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ. އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރާނީ ރީ-ރަޖިސްޓްރޭޝަނަށްފަހުއެވެ.
އިންތިޚާބު އޮބްޒާވްކުރާ ބޭރުގެ އޮބްޒާވަރުންނަށް ފުރުސަތު ހުޅުވާލާފައިވާއިރު، މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެފުރުސަތު އޮންނާނެއެވެ.

