ހުނަރުވެރި ކުރެހުންތެރިޔާ ޝިމްހާ ޝަކީބްގެ ފިހިން މިފަހަރު ކުލަޖައްސައިދިނީ ރާއްޖޭގެ އެންމެ ތާރީޚި އެއް ރަށް ކަމަށްވާ ހއ. އުތީމުގެ ހިތްގައިމު މަންޒަރުތަކެވެ. 'އުތީމު އެކޯސް'ގެ ނަމުގައި ނެޝެނަލް އާޓްެލެރީގައި މިމަހު 18 އިން 28 އަށް ކުރިއަށްދާ މި އެގްޒިބިޝަންގައި ޝިމްހާ ފެން ކުލައިން ތައްޔާރުކޮށްފައިވާ 30 ކުރެހުމަކުން އުތީމުގެ ތަފާތު، އެހާމެ ހިތްގައިމު މަންޒަރުތައް ދައްކުވައިދެއެވެ.
'އުތީމު އެކޯސް' ކަލެކްޝަން ވަނީ މީގެ ކުރިން ހއ. އުތީމުގެ ބޮޑުތަކުރުފާނު މެމޯރިއަލް ސެންޓަރުގައިވެސް ދައްކާލާފައެވެ.
ޝިމްހާ ބުނިގޮތުގައި މިފަދަ އާޓް އެގްޒިބިޝަނެއްގެ ޚިޔާލު އައީ އޭނާގެ އެހެން މަސައްކަތެއްގެ ތެރެއިންނެވެ. "ފެންކުލައިން ރާއްޖެ" ގެ ނަމުގައި ރާއްޖޭގެ ހުރިހާރަށެއްގެ މަންޒަރުތައް ކުރެހުންތަކެއްގެ ސިފައިގައި ގެނެސްދޭން އޭނާ ކުރި މަސައްކަތުގެ ތެރެއިން އުތީމުގެ ތަފާތުކަމާއި ޚާއްސަކަން ފާހަގަވެ، އުތީމަށް ޚާއްސަ ކަލެކްޝަނެއް ތައްޔާރުކުރަން ނިންމީކަަމަށް ޝިމްހާ ބުންޏެވެ.
ޝިމްހާ 'އުތީމު އެކޯސް' އަށް ތައްޔާރުވާން ފެށީ މި އަހަރުގެ ޖެނުއަރީގައެވެ.
" އެގްޒިބިޝަން މިބޭއްވީ އުތީމަށް ތިން ހަތަރުފަހަރަކު ގޮސް ވަރަށް ބޮޑަށް ބަލާފަ، މި މައުރަޒުން ހަމަ މުޅިންވެސް ފެނިގެންދާނީ އުތީމުގެ މަންޒަރުތައް"
އުތީމަކީ ތާރީޚީ ރަށަކަށް ވެފައި ގުދުރަތީ ގޮތުންވެސް އެހާމެ ރީތި ރަށެއްކަން އޭނާ ފާހަގަކުރިއެވެ. އުތީމު އެކޯސް މައުރަޒުގައި ދައްކާލި ކުރެހުންތަކަކީ ޝިމްހާއަށް ރަށުތެރެއިން ފާހަގަވި ބައެއް ޚާއްސަ މަންޒަރުތަކެވެ.
އުތީމު އެންމެ ޚާއްޞަވާކަމަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި ގައުމީ ބަތަލް، ބޮޑުތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ ރަށަށްވާތީއެވެ. އެރަށުގެ ފާހަގަކޮށްލެވޭ ތާރީޚީތަންތަނުގެ ތެރޭގައި އުތީމު ގަނޑުވަރު ހިމެނެއެވެ. އެ ގަނޑުވަރު ނުވަތަ ގެއަކީ އުތީމު 4 ބެއިންގެ ބައްޕަ ޙުސައިން ޚަޠީބު ތަކުރުފާނުގެ ގެއެވެ. އެގަނޑުވަރަކީ މިހާރު ދިވެހިރާއްޖޭގައި ހުރި އެންމެ ދުވަސްވީ ގެއެވެ.
މި މައުރަޒުން އުތީމުގެ ޒަމާންވީ ތާރީޚީ ތަރިކަ، ދެމެހެއްޓުމަށް އެހީއަކަށް ވުމުގެ އިތުރުން ދިވެހި ފަންނީ، ޒުވާން ކަނބަލެއްގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ.
މީގެ ކުރިން ވެސް ޝިމްހާ ވަނީ "ފޯރޓްރެސް އޮފް މާލެ" ފަދަ ވަރަށް ހިތްގައިމު ތަފާތު އާޓް އެކްޒިބިޝަންތައް ބާއްވާފައެވެ.