logo

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ކޮށްދިނުމަށް މިތިބީ ތައްޔާރަށް: އަދާލަތު ޕާޓީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
8 ގަޑިއިރު ކުރިން

ކުރިއަށް އޮތް ރިޔާސީ އިންތިހާބު މާތް ﷲ ގެ ވާގިފުޅާއިއެކު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ކޮށްދިނުމަށް މިތިބީ ތައްޔާރަށް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ އާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރަން ބާސެލޯ ނަސަންދުރާގައި އޮތް ރަސްމިއްޔާތުގައި އެ ޕާޓީގެ ރައީސް ޝެއިހް މުހައްމަދު ޝިފާން ވިދާޅުވީ ސަރުކާރާ އެކީގައި މަސައްކަތް ކުރަން ނިންމީ އަދުލުވެރިކަމާއި އިންސާފުގެ މައްޗަށް ބިނާވެފައިވާ އިގްތިސާދެއް ބިނާކޮށް ރަށްތަކަށް ފުރުސަތުތައް ފަހިކޮށްދީ ދިވެހި ވިޔަފާރިތަކަށް އެހީތެރިވެ، ދިވެހި ޒުވާނުންނަކީ އަމިއްލަ ފަސްގަނޑުގައި މުސްތަގްބަލް ބިނާކުރާނެ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ވާގިވެރިވުމަށް ކަމަށެވެ.

އިސްލާމިކް ފައިނޭންސް ފުޅާކުރުމާއި ޒަކާތާއި ވަގްފުގެ ނިޒާމު ހަރުދަނާ ކުރުމަކީ އަދާލަތު ޕާޓީން އަބަދުވެސް ވަކާލާތު ކުރާ ސިޔާސަތުތަކަށް ވީ ހިނދު، އެކަންކަން މި ސަރުކާރުން ތަންފީޒު ކުރަމުން ގެންދިއުމާއި ޒުވާން ޖީލު ހެޔޮ ގޮތުގައި ބިނާ ކުރުމަށް ތައުލީމީ ނިޒާމަށް ގެންނަމުންދާ ހެޔޮ ބަދަލުތަކާއި ވަތަނީ ހިދުމަތާއި ހާފިޒުންނާއި ޒުވާން ހަތީބުން އުފެއްދުމުގެ ޕްރޮގްރާމްތަކަކީ ރައްޔިތުންނާއި އެ ޕާޓީން ވެސް ނުހަނު ބޮޑަށް ބަލައިގެންފައިވާ ސިޔާސަތުތަކެއް ކަމަށް ވެސް އޭނާގ ެވާހަކައިގައި ވަނި ވިދާޅުވެފައެވެ.

މީގެ އިތުރުން ޝިފާން ފާހަގަ ކުރެއްވީ ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ ސައްތައިން ސައްތަ އިސްލާމީ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ. އަދި މިކަމަށް ބުރޫ އަރާފާނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި ރާއްޖޭގެ ބިމާއި ކަނޑުގެ ސަރަހައްދުން އިންޗިއެއްގެ މިންވަރު ވެސް ބޭރުގެ ފަރާތަކަށް މިލްކު ނުކުރެވޭނެ ކަން ކަށަވަރު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ދެއްވާފައިވާ އިރު، މި އަސާސީ ސިޔާސަތުގައި ޕީއެންސީ އާއި އަދާލަތު އޮތީ އެއް ވިސްނުމެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ad