logo

ދިވެހިޗެނަލަށް 5 އަހަރު - އާޝިޔާ ޞާލިޙް: ޗެނަލުގެ ކުޅަދާނަ ކައްޕިގެ ގޮތުގައި ހުރި ފިސާރި ކަނބަލެއް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
9 މަސް ކުރިން
ދިވެހިޗެނެލްގެ ސްޓޭޝަން އިންޗާޖް އާޝިޔާ ސޯލިހް (ފޮޓޯ: އައިޝަތު ވަހީދާ، އައިޝް)

ދިވެހިޗެނެލްގެ ސްޓޭޝަން އިންޗާޖް އާޝިޔާ ސޯލިހް (ފޮޓޯ: އައިޝަތު ވަހީދާ، އައިޝް)

މީހެއްގެ ހިތްވަރު ފެންނާނީ އެމީހެއްގެ އުޅުމާއި ގުޅުމުގެ ތެރެއިންނެވެ. ހިތްވަރާއި ޖޯޝުން ފަނޑުވުމެއްނެތި ކުރިއަށްދާ މޮޅު ހިތްވަރުގަދަ ކަނބަލެއްގެ ވާހަކަ އަޅުގަނޑުގެ ގަލަމުން ތިލަކޮށްލަން ގަސްތުކުރަމެވެ. އާދެ ޕްރޮފައިލް އާޓިކަލްއެއްގެ ގޮތުގައި އަޅުގަނޑު މި ލިޔަން ގަސްތުކުރަނީ އޭނާގެ ހިތްވަރާއި ފަންވަރާއި ބުރަ މަސައްކަތުން މިހާރު ދިވެހި ޗެނަލްގެ ސްޓޭޝަން އިންޗާޖެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މި ޗެނަލްގެ އެންމެ ޚާއްސަ މޫނުގެ ވެރިޔާ އާޝިޔާ ޞާލިޙްގެ ވާހަކައެވެ.

ރާއްޖޭގެ ގިނަބަޔަކު ދަންނަ، އާސަންދައިގެ ސީނިއަރ، މީޑިއާ އެންޑް ޕީއާރް އޮފިސަރ، އާޝީޔާ، ޕާޓް ޓައިމް ވަޒިފާއެއްގެ ގޮތުގައި ދިވެހިޗެނަލާ، ގުޅުނީ މުޅި ދުނިޔެ ކޮވިޑް ޕެންޑެމިކާ ކުރިމަތިލާން ޖެހުނު ދުވަސްވަރުއެވެ. އެދުވަސްވަރު ޗެނަލުގައި ލޮކްޑައުންވެގެން ތިބި ޓީމުގައި އާޝިޔާ ހިމެނުނެވެ. އެ ޓީމާ އެއްކޮށް އެއްތަނެއްގައި 40 ވަރަކަށް ދުވަސްވަންދެން ބަންދުބެ ތިބެގެން މަސައްކަތް ކުރިކުރުން އެއީ މީޑިއާ ދާއިރާގައި އޭނާގެ ހަނދާނުން ނުފޮހެވޭނެ ތަޖުރިބާއެއްކަމަށް އާޝީިޔާ ބުންނެވެ.

އާޝީޔާ ބުނީ ޗެނަލުގައި އޭރު ލޮކްޑައުންވެގެން ތިބި މީހުންގެ ތެރޭގައި ޚަބަރުކިޔާ މީހަކަށް ހުރީ ހަމައެކަނި މީހަކީ އޭނާކަމުން، ލޮކްޑައުން ފެށިގެން ނިމެންދެން ޓީވީން ގެނެސްދިން ލައިވް ހުރިހާ ޚަބަރަކަށް އަރަން ޖެހުނު ކަމަށެވެ. އާޝިޔާގެ ދިވެހިޗެނެލުގައި ޖޯޝާއެކު ކުރަމުން އައި މަސައްކަތާއެކު އޭނާގެ ކުރިއެރުމަށް އައި ބަދަލު މިއަދު ފެންނަނީ މުޅިން އެހެން ހަރުފަތަކުންނެވެ. އާޝިޔާގެ މީޑިއާގެ ހަޔާތް ފެށުނު ގޮތަށް ބަލާލުމުންވެސް ފެންނަނީ ހިތްވަރާއި ކެރިއެރުމާއި ކުޅަދާނަކަމެވެ. ޗެނަލުގެ ނެވިކަމުގެ ކަމަރު ބަނދެ ހުރިހާ މުވައްޒަފުންނާއެކު މިއަދު އާޝިޔާ ދަނީ ދިވެހިޗެނަލްގެ އޮޑި ދުއްވާ ކުޅަދާނަ ކައްޕިތާނެއްގެ ރޯލު އަދާކުރަމުންނެވެ.

އާޝިޔާ ބުނާ ގޮތުން އޭނާގެ ބައްޕަ ފުރަތަމަވެސް އޭނާ އަށް ކިޔަވައިދޭން ގަސްތުކުރީ ޑޮކްޓަރީކަމެވެ. ނަމަވެސް އޭނާގެ ޝައުގުހުރީ މީޑިއާ ދާއިރާއަށްކަމަށްވާތީ އޭނާ މި ދާއިރާއިން ތަމްރީނުވެ މަސައްކަތަށް ނުކުތްގޮތަށް ފަސްއެނބުރި ބަލައެއްނުލައެވެ.

އާޝިޔާ މީޑިއާ ދާއިރާގެ ކެރިއަރ ފެށީ 2007 ވަނަ އަހަރު، ރާއްޖޭގެ ފުރަތަމަ ޕްރައިވެޓް މީޑިއާ ޗެނަލް ދިއެފްއެމް ރޭޑިއޯ ޗެނަލުގެ ޕްރެޒެންޓަރެއްގެ ގޮތުގައެވެ. އެއީ ދިއެފްއެމަށް ޕްރެޒެންޓަރުން ހޯދަން ބޭއްވި އޮޑިޝަނުން ހޮވި، އެ ޗެނަލްގެ ފަރާތުން ސްރީލަންކާގެ ޓީއެންއެލް ރޭޑިއޯ ސްޓޭޝަނަށް ގޮސް، ރޭޑިއޯ ބްރޯޑްކާސްޓިން ޓްރެއިނިން ފުރިހަމަކުރުމަށްފަހުއެވެ.

"އޭރު ސީއެޗްއެސްސީގައި އޭލެވެލް އަށް ކިޔަވަމުން ދިޔައީ. އެހެންވެ ޕާޓްޓައިމް ޕްރެޒެންޓަރަކަށް އުޅުނީ. އޭލެވެލް ނިންމާފައި، 2009 ވަނަ އަހަރު ފުލްޓައިމް މުވައްޒަފަކަށް ބަދަލުވީ." އާޝިޔާ

ރޭޑިއޯ ޕްރެޒެންޓަރަކުން ޓީވީ ޕްރެޒެންޓަރ/ޕްރޮޑިއުސަރ އަދި ނިއުސްކާސްޓަރއަކަށް އާޝިޔާ ބަދަލުވީވެސް 2009 ވަނަ އަހަރުތެރޭގައެވެ.

އުމުރުން އެންމެ 20 އަހަރުގައި 2010 ވަނަ އަހަރުން ފެށިގެން 2016 އަށއ ދިޕްލަސްގެ ހެޑް އޮފް ޕްރޮގްރާމްސްގެ މަޤާމުގައި އަދި 2015 އިން 2016 އަށް ދިޓީވީގެ ހެޑް އޮފް އޮންއެއަރ ގެ މަޤާމުވެސް އާޝިޔާ ވަނީ އަދާކޮށްފައެވެ.

2016 ވަނަ އަހަރު ދިޕްލަސް ދިޓީވީ ބަންދުކުރުމާއެކު ދެން 2017 ވަނަ އަހަރު އާސަންދަ ކުންފުނީގެ މީޑިއާ އޮފިސަރުގެ މަޤާމާ އާޝިޔާ ހަވާލުވީގޮތަށް އަދިވެސް އަންނަނީ އާސަންދައިގައި މަސައްކަތް ކުރަމުންނެވެ.

2018 އަދި 2019 ވަނަ އަހަރު ވީޓީވީގައި ޕާޓްޓައިމް ޕްރެޒެންޓަރެއްގެ ގޮތުގައިވެސް މަސައްކަތްކުރިއެވެ.

2020 ވަނަ އަހަރު އާޝިޔާ ފެށީ އޭރު އަލަށް ފެށި ދިވެހި ޗެނަލާއެކުއެވެ. އެގޮތުން ޕްރޮގްރާމްތައް ޕްރެޒެންޓްކޮށް ޕްރޮޑިއުސްކުރުމާއި ޚަބަރު ކިޔުމުގެ އިތުރަށް، ދާދި ފަހަކާ ޖެހެންދެން ދިވެހި ޗެނަލުގެ ބައިނަލްއަޤްވަމީ ޚަބަރުތައް ކަވަރކުރަމުން ދިޔައީ އާޝިޔާއެވެ. މިހާރު ދިވެހި ޗެނަލުގެ ސްޓޭޝަން މެނޭޖަރުގެ މަޤާމުގައި ހުރެ މައިގަނޑު ގޮތެއްގައި ކުރަނީ ސްޓާފް އެޑްމިނިސްޓްރޭޝަންގެ މަސައްކަތްތަކާއި ޕްރޮގްރާމް ޝެޑިއުލިން އަދި ކޮންޓެންޓުގެ ކަންކަން ބެލެހެއްޓުމާއި ނިއުސް އެޑިޓިންގެ މަސައްކަތްތަކެވެ.

"އަސްލު ކެމެރާ ކުރިމައްޗަށްވުރެ ބޮޑަށް މަސައްކަތްކުރާހިތްވަނީ ކެމެރާ ފުރަގަހުގައި. އެންމެ ކުރާހިތުން ކުރަނީވެސް ޕްރޮގްރާމް ޕްރޮޑަކްޝަނާއި، ޑިޒައިނިން، ގްރެފިކްސް އަދި އޯޑިއޯ އެންޑް ވީޑިއޯ އެޑިޓިންގެ މަސައްކަތްތައް. ދިވެހި ޗެނަލުގައި މަސައްކަތް ކުރާތާ އަންނަ މަހު 5 އަހަރު ފުރެންދާއިރު، އެންމެ ބޮޑަށް ފާހަގަކުރަން ބޭނުންވަނީ، މި ކުރާ މަސައްކަތް، ދިވެހި ޗެނަލުގެ މެނޭޖްމަންޓުން ބަލައިގަނެ އަގުވަޒަންކުރާކަން. މި ޗެނަލުން ދުވަހަކުވެސް މުސާރަ ނުދީ އެއް ނެތް. ކޮވިޑް ތެރޭވެސް މުވައްޒަފުންނަށް ބަރާބަރަށް ލަސްވުމަކާ ނުލާ މުސާރަ ދިން. ރާއްޖޭގައި މިހާރު ވަރަށް މަދު ޓީވީ ޗެނަލެއްގައި މިހެން ބަރާބަރަށް ލަސްނުވެ މުސާރަވެސް ދެނީ. މަސައްކަތަށް ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް މުސާރައިގެ ކުރިއެރުން ދޭ. އަނެއްކާ ކުޑަ އެކަމަކު ވަރަށް އެކުވެރި ޓީމެއް މިއޮތީ. ވަރަށް ހިތްހަމަޖެހިގެން ވަރަށް ކުރާ ހިތުން މިތަނުގައި މަސައްކަތް ކޮށްލެވޭ އަސްލު." އާޝިޔާ

އާޝިޔާ މީޑިއާ ދާއިރާގައި މަސައްކަތްކުރާތާ މިހާރުވަނީ 17 އަހަރުވެފައެވެ. އެ 17 އަހަރުތެރޭ އާޝިޔާ ވަނީ ވަރަށް ގިނަ އާ މޫނުތައް ދާއިރާއަށް ނެރެދީ ތަމްރީނުކޮށްދީފައެވެ. ދާއިރަގައި އޭނާއަށް ލިބިފައި ހުރި އަދި ލިބެމުންދާ ތަޖުރިބާއިން، އެނގޭ އެއްޗެއް އެހެންމީހުންނަށް ކިޔައިދިނުމަކީ އޭނާ އަބަދުވެސް ޝައުގުވެރިކަމާއެކު ކުރަމުންދާ މަސައްކަތެކެވެ. ކިތަންމެ ތަޖުރިބާއެއް ލިބިފައިވީ ނަމަވެސް، މި ދައިރާގެ އެކި ދިމަދިމާލުގައި މަސައްކަތް ކުރާ އެކި ލެވެލްގެ މީހުންގެ ފަރާތުން އަދިވެސް ހަމަ ކަންކަން ދަސްކުރަމުންދާ ކަމަށާއި، މީޑިއާ ދާއިރާގެ އަދި އެހެނިހެން ދައިރާތަކުގެވެސް ކަންކަން ދަސްކުރުމާ ދަސްކޮށްދިނުން އެއީ ކަށީގައި ހިފާފައި ހުރި އާދައަކަށްވާތީ، ދުވަހަކުވެސް އެކަން ހުއްޓޭނެހެން ހީނުވާކަމަށް އާޝިޔާ ބުންޏެވެ.

ad