ނޫސްވެރިކަމުގައި ޝަޒޫއަކީ އަދި މާގިނަ އަހަފުތަކެއްވީ މީހަކަށް ނުވިއަސް، މިވީ މަދު ދުވަސްކޮޅަކީ އޭނާ އަށް 100 އަހަރަށްވުރެ ގިނަދުވަސްކަމަށް އޭނާ ގަބޫލުކުރެއެވެ. މިއީ ދިވެހިޗެނަލުގެ ވީޑިއޯ ޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ އާމިނަތު ޝަޒްލާގެ ނޫސްވެރިކަމުގެ ކެރިއާރ ގައި އޭނާ އަށް ހޭދަ ކުރެވުނު ދުވަސްތައް އޭނާ ސިފަކުރާ ގޮތެވެ.
ލ. ހިތަދޫ އަފްޒާ/ އާމިނަތު ޝަޒްލާ މާލެ ބަދަލުވެ، ޕްރައިވެޓް އޮފީހެއްގައި މަސައްކަތްކުރަމުން ދަނިކޮށް އޭނާގެ ވިސްނުމަށް އައީ ނޫސްވެރިކަމަކީ ކެރިއަރ އަށް އެންމެ ރަނގަޅު ބަދަލެއް ގެނެވޭނެ އެއް ދާއިރާކަމަށެވެ. އެހެންކަމުން ލިބުނު ފުރުސަތެއްގައި ދިވެހިޗެނެލަށް ވަޒީފާ ބަދަލުކުރީ ޖަރަނަލިސްޓް ޓްރެއިނީއެއްގެ ގޮތުގައެވެ.
ދިވެހިޗެނެލް ވީޑިއޯ ޖާނަލިސްޓް އާމިނަތު ޝަޒްލާ /ފޮޓޯ: ދިވެހިޗެނެލް އަލީ ފާރިޝް
2023 ވަނަ އަހަރު ނޮވެންބަރު މަހު ދިވެހިޗެނެލަށް ޓްރައިނީއެއްގެ ގޮތުގައި ނުކުތް ޝަޒޫ މިއަދު ދަނީ ނޫސްވެރިއެއްގެ އިތުރުން ޕްރެޒެންޓަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރަމުންނެވެ. ދިވެހިޗެނަލްގައި ޝަޒޫ މަސައްކަތްކުރާތާ ވަނީ އެއް އަހަރު ވެފައެވެ. ހުރިހާ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރާ ޝަޒޫގެ އުއްމީދަކީ އޭނާގެ ނޫސްވެރިކަމުގެ ކެރިއާރގައި މިދާއިރާއިން އިތުރަށް ކުރިއަށްދިއުމެވެ.
"އަހަންނަށް ފުރަތަމަ ނޭނގެ ދިވެހި ކީބޯޑުވެސް. ސްކްރީނަށް ކީބޯޑް އަރުވައިގެން ލިޔަންފެށީ. މިހާރު އަހަރެން ޓައިޕް ކުރަން ވަރަށް ފަރިތަވާނެ." ޝަޒޫ އޭނާގެ ނޫސްވެރިކަން ފަށައިގަންއިރު އުނދަގޫވި މަރުހަލާ ކިޔައިދެމުން ބުންޏެވެ.
ޝަޒޫ ބުނީ އޭނާގެ ހުވަފެންތަކުގައި ކުލަ ޖެއްސުމުގެ އުއްމީދު ދިވެހިޗެނަލުން އާވެފައިވާ ކަމަށާއި، އަދި މިހާރު ލިބިފައިވާ ކުރިއެރުމާއެކު އިތުރު ހަރުފަތަކަށް ވާސިލްވެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. މިހާރު ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ޔާމީން ރަޝީދަކީ ކުރީގެ ދިވެހި ޗެނަލުގެ ސީއީއޯއެވެ. ޝަޒޫ ބުނީ އޭނާ އަށް ނޫސްވެރިކަމުގެ ފަސް ކާފުން ފެށިގެން ނޫސްވެރިކަމަކީ ކޮބައިކަން ދަސްކޮށްދިނީ ޔާމީން ކަމަށެވެ. ޔާމީންގެ ހިތްވަރާއެކު ފަށައިގެން ނޫސްވެރިކަމުގެ ތެރެއިން އޮފީހުގެ އެހެން ބައިވެރިންނާއެކު ޝަޒޫ މިހާރު ގެންދަނީ ޕްރެޒެންޓް ކުރުމާއި އެކު ޕްރޮގްރާމްތައްވެސް ހުށަހަޅަމުންނެވެ. ޝަޒޫ ދިވެހިޗެނަލުގައި ކުރާ މަސައްކަތުގެ ތެރެއިން ޙަބަރު ލިއުމާއި ރިޕޯޓް ތައްޔާރުކުރުމުގެ އިތުރުން ހަވާސާ ޕްރޮގްރާމާއި، ރަތްވިލާ ޕްރޮގްރާމަކީ ވެސް ޝަޒޫގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމްތަކެވެ.
ޝަޒޫބުނީ ދިވެހި ޗެނަލަކީ ނޫސްވެރިކަމުގެ ދާއިރާގައި ކުރިއަށްދާން އެންމެ ފަސޭހަ އެއްތަން ކަމަށެވެ. އަދި ވަޒީފާގެ މާހައުލުގައި އުޅެން އެންމެ ފަސޭހަ އެއްތަން ކަމަށްވެސް ޝަޒޫ ބުންޏެވެ. ހާއްސަކޮށް މެދުނުކެނޑި އެއް އަހަރުވަންދެން އުޅުނުއިރު މެނޭޖްމެންޓާއި މުޅި ޓީމުން ބަހައްޓާ ގާތްކަމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. ޗެނަލްގެ ޓީމުގެ ބައިވެރިންގެ ފަރާތުން ވަޒީފާގައި ދެމިހުރުމަށް އިތުރަށް މޯޓިވޭޓްވާކަމަށްވެސް ޝަޒޫ ބުންނެވެ.