logo

ޓެކްސީ ލައިންގައި ބޭނުންކުރާ ކާރުތައް ގެންނަން ފަށައިފި

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

ސަރުކާރުން ތައާރަފުކުރާ ޓެކްސީލައިންގެ ހިދުމަތް ފެށުމަށް ބޭނުންވާ ގިނަ އަދަދެއްގެ އިލެކްޓްރިކް ކާރުތައް މާލެ ގެނެސްފިއެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުގެ ފަރާތުން ޓެކްސީގެ ހިދުމަތް ދިނުމަށް ނިންމައި، ޓެކްސީލައިން ގާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. ސަރުކާރުން ނިންމާފައިވަނީ ޖުމްލަ 150 ކާރާއެކު ޓެކްސީ ލައިންގެ ހިދުމަތް ކުރިއަށް ގެންދިއުމަށެވެ.

އެމްޓީސީސީން ބުނި ގޮތުގައި، ޓެކްސީ ލައިންއަށް ބޭނުންވާ ކާރުތަކުގެ ފުރަތަމަ ޝިޕްމަންޓުގައި ހިމެނޭ 60 ކާރު އިއްޔެ ވަނީ މާލެ ގެނެސްފައެވެ. އަދި އަންނަ އާދިއްތަ ދުވަހު، 90 ކާރާއެކު ދެވަނަ ޝިޕްމަންޓް ރާއްޖެ ގެނެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ޖުމްލަ 150 ކާރާއެކު އަންނަ އޭޕްރީލް މަހުގެ ދެވަނަ ދުވަހު ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ. އެކަމަށް ހާއްސަކޮށް އުފައްދާފައިވާ އެޕްލިކޭޝަނެއް މެދުވެރިކޮށް 24 ގަޑިއިރު ޓެކްސީ ލައިންގެ ހިދުމަތް ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

އެމްޓީސީސީން ކުރިން ބުނެފައިވާ ގޮތުގައި، ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވެއެވެ. އެއީ، 285 ފުލްޓައިމް ޑްރައިވަރުންނާއި 122 ޕާޓްޓައިމް ޑްރައިވަރުންނެވެ. އެކަމަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް އެ ކުންފުނިން ވަނީ ވޯކް އިން އިންޓަވިއުތައް ބާއްވާފައެވެ.

ސަރުކާރުން ޓެކްސީ ލައިނެއް ގާއިމުކޮށް ޓެކްސީގެ ހިދުމަތް ދޭން ނިންމީ، މާލޭ ސަރަހައްދުން ޓެކްސީ ހޯދުމުގައި އާންމުންނަށް ދިމާވާ ދަތިތައް ހައްލުކޮށް، ޒަމާނީ ފެންވަރުގެ ޓެކްސީ ހިދުމަތެއް ދިނުމުގެ މަގްސަދުގައެވެ. އެ ހިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާ ރަށްޓެރި އިލެކްޓްރިކް ވެހިކަލްތަކެވެ.

މާލެ ޓެކްސީގެ ހޮޓްލައިން އަކީ 1655 ކަމުގައި ހަމަޖައްސާ އެކަން ވެސް އެމްޓީސީސީން މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ.

ad