މިދިޔަ އަހަރަކީ ޤައުމީ ބޭންކުގެ ހައިސިއްޔަތުން ގައުމަށް ފައިދާހުރި ގިނަ މަޝްރޫޢުތަކާއެކު ރެކޯޑު މާލީ ނަތީޖާއެއް ހާސިލުކުރެވުނު އަހަރު ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ބީއެމްއެލްގެ 43 އަހަރުވީ ދިގު ތާރީޚުގައި އެންމެ ކާމިޔާބު އަހަރަށްފަހު، ރޭ ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ ބޭންކުން ހޯދާފައިވާ ތާރީޚީ ކާމިޔާބީތަކާއި، ސްޓެރެޓެޖީއާ އެއްގޮތަށް ފުޅާކުރަމުންދާ ދާއިރާތަކާއި، ޑިޖިޓަލް ކުރިއެރުންތަކުގެ އިތުރުން ކަސްޓަމަރުންނާއި މުޖުތަމައަށް މެދުނުކެނޑި ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ޝަރީފް ވިދާޅުވީ ބީއެމްއެލްގެ ކާމިޔާބީ މިނެކިރެނީ ހަމައެކަނި މާލީ ނަތީޖާތަކުން ނޫން ކަމަށާއި، އޭގެ ބަދަލުގައި ދިވެހިންގެ ދިރިއުޅުމަށާއި އިގްތިސާދު ކުރިއަރުވާ ވިޔަފާރިތަކަށް ކުރާ ހެޔޮ އަސަރުތަކުން ކަމަށެވެ.
ވޭތުވެދިޔަ އަހަރު ބޭންކުން ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހޯދާފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުމަކީ ބޭންކުން ދޫކޮށްފައިވާ ލޯނުތަކުގެ ޕޯޓްފޯލިއޯ 25 އިންސައްތަ އިތުރުވެ، 25.2 ބިލިއަން ރުފިޔާއަށް އިތުރުވުމުން ހޯދުނު ކާމިޔާބީއެކެވެ. ބޭންކުގެ ޖުމްލަ އެސެޓް 55.8 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އުފުލިފައިވާއިރު، ކަސްޓަމަރުން ބެންކަށް ޖަމާކޮށްފައިވާ ފައިސާ ވަނީ 37.2 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ ކަސްޓަމަރުންގެ މެދުގައި ބޭންކަށް އޮތް އިތުބާރުގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެކެވެ. ބޭންކުގެ ހަރުދަނާ ރިސްކް މެނޭޖްމެންޓުގެ އިތުރުން ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި 48.1% ގައި ދެމެހެއްޓިފައި ހުރި ކެޕިޓަލް އެޑެކުއަސީ ރޭޝިއޯއާއި ލިކުއިޑީޓީ ޕޮޒިޝަނުން މި ނަތީޖާ އިތުރަށް ހަރުދަނާކޮށްދެއެވެ.
"2025 ވަނަ އަހަރަކީ ހަމައެކަނި ރެކޯޑު އަދަދަކަށް ފައިދާ ލިބުނު އަހަރެއް ނޫން. އެއީ ގައުމީ ބޭންކެއްގެ ގޮތުގައި އަޅުގަނޑުމެންގެ ދައުރު ވަރުގަދަކޮށް، އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް މާލީ ހިދުމަތްތައް ފުޅާކުރި އަހަރެއް، "ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ޝަރީފް
ބޭންކުގެ ސްޓެރެޓެޖީގެ މައިގަނޑު ތިން ތަނބު ކަމަށްވާ ޑިޖިޓަލް ޚިދުމަތްތަކަށް އިސްކަން ދިނުމާއި ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމާއި ދެމެހެއްޓެނިވި ޚިދުމަތްތަކެއް ކަށަވަރުކުރުމަށް ދޭ ސަމާލުކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ 2026 ވަނަ އަހަރަކީވެސް ބޭންކަށް ކާމިޔާބު އަހަރަކަށް ވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

