logo

އެސްޓީއޯ ގްރޫޕަށް ޖުމްލަ އާމްދަނީގެ ގޮތުގައި 16.68 ބިލިއަން ރުފިޔާ!

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 16.68 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަަށް މިދިޔަ އަހަރުގެ ހިސާބުތަކުން ދައްކައިފިއެވެ.

އެސްޓީއޯއިން ވަނީ އެސްޓީއޯ ގްރޫޕްގެ 2025 ވަނަ އަހަރުގެ ހިސާބުތައް އިއްޔެ އާއްމުކޮށްފައެވެ.

އެ ތަފާސްހިސާބުތައް ދައްކާގޮތުން އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 16.68 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ މީގެ ކުރީ އަހަރާއި އަޅާ ބަލައި އިރު 0.5 އިންސައްތަ ދަށްވުމެކެވެ.

އެސްޓީއޯއިން ބުނީ، އެސްޓީއޯ ގްރޫޕްގެ ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއި ޝިޕިންގ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމުން ކަަމަށެވެ. ތެލުގެ އާމްދަނީ ދަށްވި ނަމަވެސް ތެޔޮ ވިކުނު އަދަދު ވަނީ 8 އިންސައްތައަށް އިތުރުވެފައެވެ. އަދި ހަމަމިއާއިއެކު، އިންޝޫރަންސް، ގޭސް އަދި ޓްރޭޑިން ވިޔަފާރި ވަނީ ރަނގަޅުވެފައެވެ.

އެ ތަފާސްހިސާބުތައް ދައްކާގޮތުން ހިންގުމުގެ ހަރަދު ނިސްބަތުން ދަށްވި ނަމަވެސް، ޖުމްލަ އާމްދަނީ ދަށްވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް ވަނީ 1.18 ބިލިއަން ރުފިޔާ ލިބިފައެވެ. އެހެންނަމަވެސް ފައިނޭންސް ކުރުމުގެ ހަރަދު 16 އިންސަައްތަ ދަށްވުމާއިއެކު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް ލިބިފައި ވަނީ 962 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލައި އިރު 4 އިންސައްތަގެ ކުރިއެރުމެކެވެ.

އަދި ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް 785 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލައި އިރު 2 އިންސައްތަގެ ކުރިއެރުމެކެވެ.

ad