ދިވެހި ހުރިހާ ހައްޖުވެރިން މިހާރު ތިބީ މިނާގައި ކަމަށް ހައްޖު މިޝަންއިން ބުނެފި އެވެ.
ދިވެހި ހައްޖުވެރިން މިނާއަށް ދަތުރު ފަށާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ހައްޖު މިޝަންއިން ބުނީ، ހުރިހާ ހައްޖުވެރިންވެސް ރައްކާތެރިކަމާއެކު މިހާރު މިނާއަށް ދެވިފައިވާ ކަމަށެވެ. އަދި އަރަފާތު ބިމަށް ދިއުމަށް މިރޭ ދަތުރު ފަށާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ހައްޖު މިޝަންގެ ވެރިޔާ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނަރަލް، އައްޝައިހް އިމްތިތާއު އައްބާސް ވިދާޅުވީ، ދިވެހި ހައްޖުވެރިންގެ ހުރިހާ އެންމެންވެސް މިހާރު މިނާއަށް ފޯރާފައިވާ ކަމަށާއި، އަދި އެފަރާތްތަކުގެ ހައްޖުގެ އަޅުކަން މިހާރު ފެށިފައިވާ ކަަމަށެވެ. އަދި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ޖުމްލަ ގޮތެއްގައި ރަނގަޅު ކަން ވެސް ފާހަގަ ކުރެއްވިއެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާގޮތުގައި ދިވެހި ތާރީހުގައި ވެސް ދިވެހި ހާޖީންނަށް ލިބޭނެ އެންމެ މަތީ ޚިދުމަތާއި އެހީތެރިކަން ހައްޖު ކޯޕަރޭޝަނުން ދަނީ ދެމުންނެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހައްޖު މިޝަނުން ދަނީ ހާޖީންގެ ކަންކަން ވަރަށް ގާތުން ބަލަމުން ކަމަށާއި ދިވެހި ސަރުކާރުން އަބަދު ވެސް ހާޖީންނަށް ގާތުން ހިދުމަތް ދިނުމުގައި ދެމި އޮންނާނެ ކަމަށެވެ.
ހައްޖުވެރިން މިނާ އިން ދެން ދާނީ ހައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް އަރަފާތަށެވެ. ހައްޖުމަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު ފަހުން އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހަކަށް ހައްޖެއް ނުލިބޭނެ އެވެ.
އަރަފާތަށް ދިޔުމަށްފަހު ހައްޖުވެރިން މުޒްދަލިފާގައި ރޭ ކުރާނެ އެވެ. މުޒްދަލިފާގައި ރޭ ކުރުމަށް ފަހު ބޮޑު ޖަމްރާއަށް ހިލައުކުން ކުރިއަށް ގެންދިޔުމަށް ފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭ ކުރުމަށް ފަހު ތިން ޖަމްރާއަށް ހިލަ އުކާނެ އެވެ. އަދި ޠަވާފުލްއިފާޟާ ކުރުމާއި ޞަފާ ފަރުބަދަ އާއި މަރްވާ ފަރުބަދައާ ދެމެދު ސައުޔު ކުރާނެ އެވެ. ހައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާއުގެ ޠަވާފުކޮށް ހައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

