logo

ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ % 76 ނިމިއްޖެ

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

ތ. ގުރައިދޫގެ ބިން ހިއްކުމާއި، ހިއްކި ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ %76 މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާފަވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެ މަސައްކަތަށް އެ ރަށުން 13.80 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.
އެމްޓީސީސީން ބުނީ، މުޅި މަޝްރޫޢުގެ 76 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. ބިން ހިއްކަން ވެލި އަޅާ ނިމި، މިހާރު ކުރަމުންދަނީ ހިއްކި ސަރަޙައްދު ޙިމާޔަތްކުރަން ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. އެގޮތުން 17،000ޓަނުގެ ބޮޑުހިލައިގެ އިތުރު ޝިޕްމަންޓެއް ވަނީ ގެންގޮސްފައެވެ.

979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރިވެޓްމެންޓެއް ޖެހުމާއި، 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ބުނެއެވެ.

ގުރައިދޫގެ އެއާޕޯޓް ތަރައްގީކުރަން ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާއެވެ. މި މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.

މި މަޝްރޫއަށް 106 މިލިއަން ރުފިޔާ ހަރަދު ކުރެއެވެ. މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 300 ދުވަސް ތެރޭގައެވެ.

ތ. ގުރައިދުއަކީ 1300އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ގުރައިދޫގައި އެއާޕޯޓެއް ހުޅުވިގެންދިއުމަކީ، މުޅި ތ. އަތޮޅަށްވެސް އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގިނަގުނަ ފައިދާތަކަކާއި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އެއާޕޯޓްގެ ސަބަބުން އެސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީވެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ad