މިއަހަރުގެ ރަމަޟާންމަހު ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ކުރިއަށް ގެންދިޔަ ރަންމުތް މަދަހަ މުބާރާތުގެ އިނާމު ދިނުމުގެ ހަފުލާ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ރަންމުތް މަދަހަ މުބާރާތުގެ ނަތީޖާ އިޢުލާނުކުރުމަށް ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ މުޅި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިން ވަނަ ޙާޞިލުކުރި ފަރާތްތަކަށް ހަނދާނީ ފިލަ އާއި ޓްރޮފީގެ އިތުރުން، ފައިސާގެ އިނާމު ޙަވާލުކޮށްދެއްވާފައެވެ.
މުޅި މުބާރާތުން އެއްވަނަ ހޯދާފައިވަނީ މި ދިޔަ އަހަރުގެ މުބާރާތުން ވެސް އެއްވަނަ ޙާޞިލްކުރި ޅ. ނައިފަރު ލޯޑްވިލްމާގޭ އިޙްތިސާމް އިބްރާހީމެވެ. ދެވަނައަށް ގޮސްފައިވަނީ، ފ. މަގޫދޫ ވީނަސްވިލާ އާމިނަތު ލައިސާ ޙިލްމީއެވެ. މުޅި މުބާރާތުގެ 3 ވަނަ ހޯދާފައިވަނީ ދ. ކުޑަަހުވަދޫ ވައިލެޓްވިޔު ޒާހިލް އިބްރާހީމް ރަމީޒެވެ.
އިނާމު ހަވާލުކޮށްދެއްވުމަށް ފަހު މި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ވަނީ މުބާރާތުގައި ބައިވެރިވި ހުރިހާ ކުދިންނަށް ހިތްވަރުދެއްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ މި ފަދަ މުބާރާތްތަކަކީ ކުދިންގެ ހުނަރު ކުރިއަރުވަން ލިބޭ ފުރަސަތެއް ކަމަށާއި، ކުދިންގެ މުސްތަޤުބަލަށް ވެސް ލިބޭނެ ހިތްވަރެއް ކަމަށެވެ.
ޕީ.އެސް.އެމުން ހިންގާ މުބާރާތްތައް ނަމޫނާއަކަށް ބަލައިގެން ރާއްޖޭގެ އެކި ކަންކޮޅުގައި މި ފަދަ މުބާރާތްތައް ހިންގަމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ޤައުމު ބިނާކުރުމަށް ޓަކައި ޕީ.އެސް.އެމުން އަދާކުރަމުންދަނީ މުހިއްމު ރޯލެއް ކަމަށެވެ.


