ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކެއް އިއްޔެ ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ޕްރޮގްރާމްތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ އެކި ދާއިރާތަކުން އެފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމްތަކެއް ކަމަށެވެ.
އަދި މިއީ މުޖުތަމަޢުގައި އެފަދަ ފަރާތްތައް ޝާމިލުކުރުން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ވުޒާރާއިން ސިފަކުރެއެވެ.މި ތަމްރީނު ޕްރޮގްރާމްތަކުގައި ޖުމްލަ 22 ދަރިވަރުން ބައިވެރިވެފައިވާއިރު، މިއީ 06 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެކެވެ. މިގޮތުން މިހާރު ފަށާފައިވަނީ ފޮޓޯގްރަފީ އަދި އާޓް ސްކިލްސްގެ ދާއިރާއިންނެވެ.
އެ ވުޒާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ކޯސްތަކުގައި ކިޔަވައިދިނުމާއި ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ އެންމެހައި ކަންކަން ބައްޓަންކޮށްފައިވަނީ ބައިވެރިންގެ ޚާއްޞަ ބޭނުންތަކަށް ރިޢާޔަތްކޮށްގެންނެވެ. އެގޮތުން، ކިޔަވައިދިނުމުގެ މާޙައުލާއި އުކުޅުތައް ބައްޓަންކޮށްފައިވަނީ އެފަރާތްތަކަށް އެންމެ ފަސޭހައިން އުނގެނޭނެފަދަ އިންތިޒާމުތަކަކާ އެކުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދެއްވާއިރު، މިއީ އެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދެވޭ މުހިންމު މަސައްކަތެކެވެ.

