ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުމެއްކަމަށާއި، މުސްލިމު މުޖުތަމަޢުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ "ރަމަޟާންމަހަށް ފަހު ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބޭށެވެ" މިއެވެ.
ޚުތުބާގައި ބުނެފައިވަނީ ހެޔޮ ޢަމަލުކުރުމަކީ ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި ވާންޖެހޭ ކަމެއް ނޫންކަމަށެވެ. ﷲ ތަޢާލާ ވަޙީކުރައްވައިފައިވާ ފަދައިން، ޖިންނީންނާއި އިންސީން ހައްދަވައިފައިވަނީ ހަމައެކަނި ﷲ ތަޢާލާއަށް އަޅުކަންކުރުމަށް ކަމަށްވާތީ، ހެޔޮ ޢަމަލާއި އަޅުކަން ކުރުމަކީ ދިރިހުރިހައި ދުވަހަކު ދެމިގެންދާންވާ ކަމެއްކަން ޚުތުބާގައި ވަނީ ބަޔާންކޮށްދީފައެވެ.
ޚުތުބާގައި ވަނީ ކަހުފު ސޫރަތުގައި ﷲ ތަޢާލާ ބަޔާންކުރައްވައިފައިވާ ދެ ފިރިހެނުންގެ ވާހަކަ ހިއްސާކޮށްދީފައެވެ. ﷲ ތަޢާލާ ދެ ބަގީޗާ ދެއްވި ފިރިހެނާ، ތިމާ ލިބިގެންވާ ނިޢުމަތްތަކަށް ﷲ ތަޢާލާއަށް ޝުކުރު ނުކޮށް، ތިމާގެ ތަނަވަސްކަމާ ގިނަ ދަށުވެރީންގެ ސަބަބުން ބޮޑާވެ ފަޚުރުވެރިވި ހިނދު، ﷲ ތަޢާލާ ވަނީ ބަގީޗާތަކާ ހެދި ހުރި ހުރިހާ ތަނަވަސްކަމެއް ހަލާކުކުރައްވައި ނެތިކުރައްވައިފައެވެ.
ހެޔޮ ޢަމަލު ކުރެވިއްޖެ ނަމަ ސުވަރުގެ ޔަޤީންވީ ކަމަށް ދެކިގެން ނުވާނެ ކަމަށާއި، ﷲ ތަޢﷲ ތަޢާލާ ވަޙީ ބަސްފުޅުގައި ބަޔާންކުރައްވައިފައިވާ ފަދައިން، ﷲ ތަޢާލާ ވެރިރަސްކަލާނގެ ކަމަށް ޤަބޫލުކޮށް ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބޭ ބަޔަކަށް ﷲ ތަޢާލާ ވަޢުދުވެ ވޮޑިގެންވާ ސުވަރުގެ ލިބިގަތުމަށް ތިޔަ އެންމެތަކުންނަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ރަމަޟާންމަހަށް ފަހު ޝައްވާލުމަހުގެ ހަ ރޯދަ ހިފުމަށް ވެސް ޚުތުބާގައި ވަނީ ބާރުއަޅައިފައެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވައިފައިވާ ފަދައިން، ރަމަޟާންމަހު ރޯދަ ހިފައި، ޝައްވާލުމަހުން ހަ ދުވަހު ރޯދަ ހިފި މީހާ، މުޅި އަހަރު ދުވަހު ރޯދަ ހިފިފަދަ ސަވާބު ލިބިގަންނާނެ ކަމަށް ޚުތުބާގައި ބަޔާންކޮށްދީފައިވެއެވެ.
އަދި ހެޔޮ ޢަމަލު ކިތަންމެ މަދުން ކުރެވުނަސް، ހުއްޓައިނުލައި ކުރިޔަށްދިއުމަށް ވެސް ޚުތުބާގައި ވަނީ ބާރުއަޅައިފައެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވައިފައިވާ ފަދައިން، ﷲ ތަޢާލާގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، ކިތަންމެ މަދުން ނަމަވެސް ދެމިހުރެ ކުރާ ޢަމަލު ކަމަށް ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.
ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުމެކަމަށާއި، މުސްލިމު މުޖުތަމަޢުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެކަމަށް ޚުޠުބާގައި ވަނީ ފާހަގަ ކޮށްފައެވެ. ވަކީން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން މި ކަމަށް ސަމާލުވާން ޖެހެއެވެ. ހާމަކަން ބޮޑު ގޮތުގައި ރޯދަމަހުގެ ދުވާލު، މީހުން ދިރިއުޅޭ ރަށްތަކުގައި، އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތްދިނުމަކީ ހުއްދަވާނޭކަމެއްނޫން މަކަށް ޚުޠުބާގައި ބުނެފައިވެއެވެ.

