logo

ބޭރު ފައިސާ މާރުނުކުރާ ރިސޯޓުތަކުގެ ނަންތައް އެމްއެމްއޭއިން އާންމުކޮށްފި

އާމިނަތު މޫސާ
13 ގަޑިއިރު ކުރިން

ބޭރު ފައިސާއާ ބެހޭ ގާނޫނާ އެއްގޮތަށް އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައިނުވާ ރިސޯޓުތަކުގެ ނަންތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފިއެވެ.

އެމްއެމްއޭ އިން ހާމަކުރި ގޮތުގައި ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ކެޓަގަރީ އޭ އިން އެއްވެސް ގޮތަކަށް މިހާތަނަށް ޑޮލަރު މާރުކޮށްފައިނުވާތީ ފިޔަވަޅު އަޅާފައިވަނީ ރަހާ ރިސޯޓް އަދި ސައުތު ޕާމް ރިސޯޓް މޯލްޑިވްސްއެވެ.

ގާނޫނުގެ ދަށުން ޑޮލަރު މާރުނުކުރާ ރިސޯޓުތަކުގެ ނަންތައް އާންމުކުރަން ފަށާފައިވާއިރު ގާނޫނުގެ ދަށުން އެމްއެމްއޭއަށް ޑޮލަރު މާރުކުރަންޖެހޭ ފަރާތްތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް މާރުކުރަންޖެހޭ މިންވަރަށް ޑޮލަރު މާރުކުރުމަށް އެމްއެމްއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ގާނޫނުގެ ދަށުން އެމްއެމްއޭގައި މިހާތަނަށް ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުންވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް އެމްއެމްއޭ އިން ވަނީ އެދިފައެވެ.

ރިޕޯޓުން ފާހަގަވާ ގޮތުގައި ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން 78 އިންސައްތަ ރިސޯޓުން ގަވައިދާ އެއްގޮތަށް ފުރިހަމައަށް އަންނަނީ ޑޮލަރު މާރުކުރަމުންނެވެ. އެންމެ އެކަށީގެންވާ ގޮތެއްގައި ޑޮލަރު މާރުނުކުރާ 20 އިންސައްތަ ރިސޯޓް އުޅޭކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މި 20 އިންސައްތަ ރިސޯޓުގެ ތެެރެއިން، ގިނަ ތަންތަނުން ކޮންސެޝަން ދިނުމަށް އެދިފައިވީ ނަމަވެސް، ގާނޫނީ އިލްތިޒާމްތައް އަދާކުރުމަށް އެމްއެމްއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

ކެޓަގަރީ ބީގައި ހިމެނޭ ގެސްޓްހައުސް އާއި ހޮޓާ، ސަފާރީ އަދި ހޯމްސްޓޭގެ ތެރެއިން 48 އިންސައްތަ ވިޔަފާރިން ގަވައިދަށް ފުރިހަމައަށް އަންނަނީ އަމަލުކުރަމުންނެވެ. މި ކެޓެގަރީގައި 15 އިންސައްތަ ވިޔަފާރިން އެކަށީގެންވާ ވަރަށް ޑޮލަރު މާރުކޮށްފައެއްނުވެއެވެ. އެމްއެމްއޭއިން ބުނީ މި ކެޓަގަރީގައި ހިމެނޭ 37 އިންސައްތަ ވިޔަފާރި އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައިނުވާ ކަމަށެވެ.

ކެޓަގަރީ ބީ އިން ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް މަދުކަން ފާހަގަކޮށް އެމްއެމްއޭ އިން ވަނީ އެ ފަރާތްތަކުންވެސް އަވަހަށް ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މިއީ މި ގާނޫނުގެ ދަށުން މިހާތަނަށް ރަޖިސްޓްރީކުރަންޖެހޭ ފަރާތްތަކަށް ދެވޭ ފަހު ފުރުސަތު ކަމަށްވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

ކެޓަގަރީ ސީގައި ހިމެނެނީ އަހަރަކު 15 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ތަންތަނެވެ. މީގެތެރެއިން 38 އިންސައްތަ ތަނުން ފައިސާ މާރުކޮށްފައިވާއިރު، 33 އިންސައްތަ ތަންތަނުން އެކަށީގެންވާ ވަރަށް މާރުކޮށްފައެއްނުވެއެވެ. އަދި މި ކެޓަގަރީގެ 29 އިންސައްތަ ތަންތަނުން އެއްވެސް ވަރަކަށް ފައިސާ މާރުކޮށްފައެއްނުވެއެވެ.

މަރުކަޒީ ބޭންކުން ބުނީ، މި ކެޓަގަރީގެ ތަންތަނުން އެދުނު ކޮންސެޝަންތަކާ މެދު ގޮތެއް ނިންމޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށްވާތީ، އެ އިސްލާހުތައް ހުށަހަޅާފައިވާ ކަމަށެވެ.

ގަވާއިދުގެ ދަށުން މާރުކުރެވޭ ޑޮލަރުގެ 90 އިންސައްތަ އެމްއެމްއޭއަށް ނަގާއިރު، އޭގެ ތެރެއިން 30 އިންސައްތަ ދިވެހި ބޭންކުތަކަށް އިސްކަންދީގެން އަނބުރާ ދޫކުރެއެވެ. މިއީ އާންމުންގެ ޒަރޫރީ ބޭނުންތަކަށާއި، ކާބޯތަކެތި އިމްޕޯޓްކުރުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރުފައިސާ ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ ފައިސާއެވެ.

އަދި އެމްއެމްއޭގައި ބަހައްޓާ ޑޮލަރުގެ ބޮޑުބައި ހޭދަކުރަނީ ގައުމަށް ބޭނުންވާ އަސާސީ މުދަލާއި، ތެލާއި، ގޭސް އަދި ބޭސް ފަދަ ތަކެތި އެތެރެކުރުމަށެވެ. އެހެންކަމުން ރިސޯޓުތަކުން މާރުކުރާ ޑޮލަރުގެ ސީދާ ފައިދާ ރައްޔިތުންނާއި ވިޔަފާރިތަކަށް ލިބެމުންދާކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.

ad