އާ އަހަރަކީ، އިޤްތިޞާދު އާރާސްތުކޮށް، އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް ލިބޭ އާ ފުރުސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ފޮނުއްވި ޚިޠާބުގައެވެ.
ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބާގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންޞާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫޙު މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢުގައި ދިރުވަންޖެހޭ ކަމަށެވެ.
ޤައުމެއް ބިނާކޮށް އާރާސްތު ކުރެވޭނީ އެންމެންގެ ހިތްތައް ސާފުވެ، އެއް އަމާޒަކަށް ދިޔުމަށް އަތުގުޅާލައިގެންކަން އެ މަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ ނަފްސުތަކާއި މުޖުތަމަޢު އިސްލާހުކޮށް، ނޭދެވޭ އެންމެހައި ކަންކަމުން ދުރުވެ، ހެޔޮކަމުގެ މަގަށް، ހިތާއި ނަފްސުން ހިޖުރަކުރުމަށް ޢަޒުމް ކަނޑައެޅުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.
މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ، އަދި އެންމެ މުހިންމު އެއް އަމާޒަކީ، އިސްލާމީ ޞައްޙަ ޢަޤީދާގެ ބިންގަލުގެ މަތީގައި، ދިވެހިވަންތަ ރިވެތި އަޚުލާޤުގެ މަތީގައި ބޮޑުވާ، ދީނާއި ޤައުމަށް ވަފާތެރި ޖީލެއް ބިނާކުރުން ކަމުގައި އެ މަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.
މި ފެށުނު އާ އަހަރަކީ، އިޤްތިޞާދު އާރާސްތުކޮށް، އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް ލިބޭ އާ ފުރުސަތެއް ކަމަށާއި މިއަދު ދުނިޔެއަށް ކުރިމަތިވަމުންދާ އެކިކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނީ، އާ އީޖާދުތަކާއެކު، ހީވާގިކަމާއި މުރާލިކަމާއެކު މަސައްކަތްކޮށް އެކަންކަމަށް ކުރިމަތިލައިގެންކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. މި ޚިޠާބުގައި، ހިޖްރީ އައު އަހަރަކާ ބައްދަލުކުރާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބެމުންދާ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކުރުމުގައި ދެމިތިއްބެވުމަށް އެމަނިކުފާނު ހަނދުމަފުޅުކޮށް ދެއްވާފައިވެއެވެ.
ރައީސްގެ ޚިޠާބު ނިންމަވާލައްވާފައި ވަނީ މި ފެށުނު ހިޖުރީ އާ އަހަރަކީ، ދިވެހިރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް ބާއްޖަވެރި، އަމާން، އަދި ފާގަތި އަހަރެއް ކަމުގައި ލައްވައި، އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަކުރައްވައި، ގައުމަށް ކުރިއެރުމާއި ތަނަވަސްކަން މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.
