މާލެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.
ބޮޑުތަކުރުފާނުމަގުތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް މިއަދު ވަޑައިގެން ރައީސް ވަނީ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވާފަ އެވެ. އެމަނިކުފާނުގެ އަރިހުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ، ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓެއްގެ މަސައްކަތެވެ. މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، ކަމާބެހޭ ފަރާތްތަކުން ވަނީ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތު އެމަނިކުފާނާ ހިއްސާކުރައްވާފައެވެ.
ބޮޑުތަކުރުފާނުމަގު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް އޮންނަ ސަރަޙައްދުގައި މިހާރު ވަނީ ތާރު އަޅާ ނިންމާލާފަ އެވެ. އަދި ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާ ތެރޭގައި ފަށާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހަމައަށް ތާރު އަޅައި، އެ ތަން މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.
މި މަޝްރޫއުގެ މަސައްކަތްތައް ޖޫން މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރިނަމަވެސް، އެކި ސަބަބުތަކާ ހުރެ މުޅި މަޝްރޫއުގެ މަސައްކަތް ނިމޭނެ ކަމަށް މިހާރު އެމްޓީސީސީން ލަފާކޮށްފައިވަނީ މިމަހުގެ 26އަށެވެ.

