logo

ކ. ކާށިދޫގެ ސިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
3 ގަޑިއިރު ކުރިން

ކ. ކާށިދޫގެ ސިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒިރު ޤީލާ ޢަލީ ފައްޓަވައިދެއްވައިފިއެވެ. ވަޒީރު ވަނީ މި ޚިދުމަތް ފައްޓަވާދެއްވާ އެތަން ބައްލަވާލައްވާފައެވެ.

މި ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙަތާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު ޚިދުމަތެއްކަމަށެވެ. އަދި މިއީ އެރަށުގެ ރައްޔިތުންނަށް ވަރަށް ބޭނުންޖެހިފައި އޮތް ޚިދުމަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކާށިދޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ފިޒިއޯތެރަޕީގެ ޚިދުމަތް ތަޢާރަފްކުރުމަށް ނިންމެވި ރަށެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއީ ޞިއްޙީ މަރުކަޒުތަކުގެ ތެރެއިން ފިޒިއޮތެރަޕީގެ ޚިދުމަތް ފެށި ފުރަތަމަ ރަށްކަމަށެވެ.

ޞިއްޙީ ވަޒީރު ވިދާޅުވީ، މިފަދަ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމަކީ މުޅި ޞިއްޙީ ދާއިރާ ހަރުދަނާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ.

މި ޚިދުމަތުގެ ސަބަބުން އިސްރަށްވެހިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ ރަށުގައި އާޢީލާގެ ގާތުގައި ތިބެގެން ފަރުވާ ކުރިއަށްގެންދިޔުމުގެ މަގުފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޤީލާ ވަނީ ކާށިދޫ ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާވެސް ބައްދަލުކުރައްވާ ޚިދުމަތް ދެމުންދާގޮތާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ހުރި ދަތިތައް އޮޅުންފިލުވާފައެވެ.

ކާށިދޫ ސިއްޙީ މަރުކަޒަކީ 24 ގަޑިއިރަށް ޚިދުމަތް ފޯރުކޮށްދޭ މަރުކަޒެކެވެ. ދުވާލެއްގެ މައްޗަށް 25 އާއި 30އާ ދެމެދުގެ މީހުންނަށް ފަރުވާދޭއިރު ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާދިނުމަށް 8 އެނދު ހުރެއެވެ. މި ޞިއްޙީ މަރުކަޒުން ޑޮކްޓަރަށް ދެއްކުމާއި ލެބޯޓަރީގެ ޚިދުމަތުގެ އިތުރުން އީސީޖީގެ ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި އެކްސްރޭގެ ޚިދުމަތާއި ސްކޭންގެ ޚިދުމަތް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު މާލޭ ސަރަޙައްދުގެ އިތުރުން އަތޮޅުތަކުގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން 10 ތަނެއްގައި ފިޒިއޮތެރަޕީގެ ޚިދުމަތްގެ ދިޔައީ ފޯރުކޮށްދެމުންނެވެ. އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ބ. އަތޮޅު ހޮސްޕިޓަލް، ޅ. އަތޮޅު ހޮސްޕިޓަލް، މުލީ ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ގއ. އަތޮޅު ހޮސްޕިޓަލް، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، ފުވައްމުލައް ހޮސްޕިޓަލް އަދި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލެވެ.

ޞިއްޙީ ވުޒާރާއިން ވިދާޅުވީ، މި ޚިދުމަތް އަތޮތަކުގައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކާށިދޫ ހިމެނޭހެން އިތުރު 5 ރަށެއްގައި މިހާރު ޚިދުމަތް ފަށާފައިވާކަމަށެވެ. އެގޮތުން ކާށިދޫގެ އިތުރުން، މާފުށީ ހޮސްޕިޓަލް، ނ. އަތޮޅު ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް، ށ. އަތޮޅު ހޮސްޕިޓަލުގައި ފިޒިއޮތެރަޕީގެ ޚިދުމަތް އަންނަނީ ދެމުންނެވެ.

ad