logo

މައިން ދަރިފުޅަށްޓަކައި ހޭދަ ކުރާ ވަގުތާއި ވާޤުރުބާނީ އަކީ މައިވަންތަކަމުގެ ލޯބީގެ މިސާލެއް: މެޑަމް ސާޖިދާ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
8 ގަޑިއިރު ކުރިން

މައިންގެ ދަރިފުޅަށްޓަކައި ހޭދަ ކުރާ ވަގުތާއި ވާޤުރުބާނީ އަކީ މައިވަންތަކަމުގެ ލޯބީގެ މިސާލެއް ކަމަށް ފަރސްޓު ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ގައުމުގެ ހިތް ކަމުގައިވާ މަންމައިންގެ މުހިންމުކަން ފާހަގަކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަރސްޓު ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާއާއި ގުޅިގެން މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވަނީ، ގައުމުގެ ހިތް ކަމުގައިވާ މަންމައިންގެ މުހިންމުކަން ފާހަގަކުރަންޖެހޭ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ގާތުން ކިރުދޭ މައިން ކުރައްވަމުންދާ ލޮބުވެތި މަސައްކަތް ވެސް ފާހަގަކުރަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ ވަނީ މައިންގެ ދަރިފުޅަށްޓަކައި ހޭދަ ކުރާ ވަގުތާއި ވާޤުރުބާނީ އަކީ މައިވަންތަކަމުގެ ލޯބީގެ މިސާލެއްކަން ފާހަގަކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ ކުއްޖާއަށް ގާތުން ދިނުމުން ކުއްޖާގެ ދިފާޢީނިޒާމު ބާރުވަރުގަދަކޮށްދީ ކުއްޖާއާއި އޮންނަ ގުޅުން ވަރުގަދަކުރެވި، މުޅި ޢުމުރަށް ދެމިގެންދާ ދުޅަހެޔޮކަމުގެ ގުޅުމުގެ ބިންގަލެއް އެޅިގެންދާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވޭތުވެ ދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި، ވަޒީފާ އަދާކުރާ މައިންނަށް ދަރިފުޅާއެކު ވަގުތު ހޭދަކޮށް ގާތުން ކިރު ދިނުމަށް ދެވޭ ފުރުސަތު (ނާސިންގް ބްރޭކް) 2 އަހަރަށް އިތުރުކޮށްދީފައިވާކަން ފާހަގަކޮށްފައެވެ. މީގެ އިތުރުންވެސް މުސާރަ ލިބޭ ގޮތަށް ދެވޭ މައިންގެ ޗުއްޓީ (މެޓާނިޓީ ލީވް) ރައްކާތެރިކުރުމާއި، މައިންނާއި ޅަދަރިންގެ ސިއްޙީ ކަންކަން ފުޅާކުރުމުގައި ރާއްޖެއިން މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާކަމަށް އެކަމާ ވިދާޅުވިއެވެ.

ހަމައެހެންމެ ސަރުކާރުން މައިންނަށް ލުއިކުރުމުގެ ގޮތުން ފަހިކޮށްދެއްވާފައިވާ ފުރުސަތުތަކުގެ ބޭނުން ރަގަޅު ގޮތުގައި ހިފުމުގެ މުހިންމުކަން ވެސް މެޑަމް ފާހަގަކުރެއްވިއެވެ.

އެގޮތުން ކުދިންގެ ދިރިއުޅުމަށް އެންމެ ދުޅަހެޔޮ ފެށުމެއް ހޯދައިދިނުމަށްޓަކައި، މައިންގެ ޗުއްޓީއާއި ގާތުން ދިނުމަށް ދޭ ވަގުތު ހިމެނޭހެން، ސަރުކާރުން ދެއްވާފައިވާ ޙައްޤުތަކާއި ޢިނާޔަތްތަކުގެ ބޭނުން ފުރިހަމައަށް ހިފުމަކީ ނުހަނު މުހިންމު ކަމެއް ކަން ފާހަގަކުރައްވާ އެކަމަނާ ވަނީ މައިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ޢާއިލާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ޖުމްލަކޮށް މުޅި މުޖުތަމަޢުގެ ޒިންމާއެއްކަން ފާހަގަކުރައްވާފައެވެ.

މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށްފަހު އެނބުރި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް ދަރިފުޅު ކައިރިއަށް ދިއުމަށް ދުވާލަކު ދެފަހަރު މުސާރައިން ނުކެނޑޭ ގޮތަށް 30 މިނެޓުގެ ވަގުތުކޮޅެއް ދޭން ޖެހޭ ގޮތަށް ގާނޫނަށް ވަނީ ދާދި ފަހުން އިސްލާހު ގެނެސްފައެވެ. އޭގެ އިތުރުން ކުރިން 1 އަހަރު ދުވަހަށް ދެމުން އައި މި ފުރުސަތު، މިއަހަރު މާރިޗު މަހުގެ މެދުތެރޭ ތަސްދީޤު ކުރެވުނު އިސްލާހާ އެކު ވަނީ 2 އަހަރަށް އިތުރުކޮށްދީފައެވެ.

ޤާނޫނުގެ ދަށުން ވިހެއުމުން 6 މަސް ދުވަހުގެ ޗުއްޓީއެއް މައިންނަށް ލިބޭ ގޮތަށް، ޤާނޫނުން ވަނީ ހަމަޖައްސާފައިވެއެވެ.

ކޮންމެ އަހަރެއްގެ ވެސް އޮގަސްޓު މަހުގެ 1 އިން 7 އަށް ދުނިޔޭގެ ގާތުން ކިރުދިނުމުގެ ހަފްތާ ފާހަގަކުރެދިގެންދާއިރު، މިއީ ގާތުން ކިރު ދިނުމަށް މައިންނަށް ހިތްވަރު ދިނުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ ދުވަހެކެވެ.

މިއަހަރުގެ ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާގެ ޝިޢާރަކީ "ދެމެހެއްޓެނިވި ދިރިއުޅުމެއް ފެށުމަށް ގާތުން ކިރު ދިނުން: ނަތީޖާ ނެރެވޭ ކަންކަން ހަރުދަނާ ކުރުން" އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖީދާ މުޙައްމަދު ވަނީ މިއަހަރުގެ ޝިޢާރާ އެއްގޮތަށް މަސައްކަތް ކުރުމަށް ޢަޒުމު ކަނޑައެޅުމަށް ގޮވާލައްވާފައެވެ.

ad