ފަރަންސޭސީވިލާތުގެ ސްކޫލު ތަކުގައި ދިމާވާ ދަތިތަކާއި ދިރިއުޅުމަށް ބޭނުންވާ އަސާސީ ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެން ކުރަމުންދާ މުޒާހަރާތަށް އިތުރަށް ހޫނުވެ، 2000 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފިއެވެ.
މުޅި ފަރަންސޭސިވިލާތްވަނީ މި މުޒާހަރާތަކުގެ ސަބަބުން ވަރަށް ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިފައެވެ. މި މުޒާހަރާތަކުގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ދަނީ ވަރުގަދަ ކުރިމަތިލުންތަކާއި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންނެވެ.މިއީ އެ ގައުމުގައި ފާއިތުވި އަހަރުތަކުގައި ހިނގި އެންމެ ބޮޑު މަގުމަތީ ހަމަނުޖެހުންތަކެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި ދުވާލުގެ ވަގުތުތަކުގައި މުޒާހަރާތައް ކުރިއަށްދިޔައީ ސުލްހަވެރިކަމާއެކުއެވެ. ނަމަވެސް އިރުއޮއްސި އަނދިރިވުމާއެކު ހާލަތު ގޯސްވެ، ފުލުހުންނާއި އާންމުންގެ މެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. ފުލުހުން ވަނީ ކަރުނަގޭހާއި ވޯޓާ ކެނަން ބޭނުންކޮށްގެންނާއި، މުގުރުން ތަޅައިގެން މުޒާހަރާ ރޫޅައިލަން މަސައްކަތްކޮށްފައެވެ.
މި މުޒާހަރާތަކުގެ ތެރެއިން، ޓައުން ހޯލް އަށް ބަޔަކު ވަދެ، އެ އިމާރާތުގައި ވަނީ ރޯކޮށްލާފައެވެ. އެ އިމާރާތުގައި ރޯވި ނުރައްކާތެރި އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލުމަށް ފަޔަރ ފައިޓަރުން ވަނީ ބޮޑު މަސައްކަތެއް ކޮށްފައެވެ. މީގެއިތުރުން، ވެރިކަން ކުރާ ޕެރިހާއި އެހެނިހެން ސިޓީތަކުގައި ހުންނަ އިމާރާތްތަކުގެ ބިއްލޫރިތައް ތަޅައި، 2000 ވުރެ ގިނަ ވިޔަފާރިތައް ލޫޓުވައި، ފުލުހުންގެ އުޅަނދުތަކުގައިވެސް އަލިފާން ރޯކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފަރަންސޭސިވިލާތުގެ ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ ވިދާޅުވިގޮތުގައި، މި ހަމަނުޖެހުންތަކުގައި ފުލުހުންގެ 150 އޮފިސަރަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.އަދި މިކަމާއި ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫގެ އޮފީހުން ވަނީ ހޯމަ އަދި އަންގާރަ ދުވަހު ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށް ކާފިއު ހިންގާނެކަން އިއުލާންކޮށްފައެެވެ.
ފަރަންސޭސިވިލާތުގެ އިންޓީރިއަރ މިނިސްޓަރު ލޮރެން ނުނޭޒް ހާމަކުރެއްވި ގޮތުގައި، ޤައުމުގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މި މުޒާހަރާތަކުގައި ގާތްގަނޑަކަށް 550,000 މީހުން ވަނީ ބައިވެރިވެފައެވެ.
ފާއިތުވި ތިން ހަފުތާއެއްހާ ދުވަހު ދަރިވަރުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި އިހުތިޖާޖުތަކަށް، މިހާރު މަސައްކަތްތެރިންގެ ޔޫނިއަންތަކާއި ކުރީގެ "ޔެލޯ ވެސްޓް" ޙަރަކާތުގެ އިސް ފަރާތްތަކުންވެސް ވަނީ ތާއީދުކޮށް ބައިވެރިވާން ފަށާފައެވެ.

