އިންޑިޔާ ސަރުކާރުން ރާއްޖެއަށް މީސްލްސް ރުބެއްލާ ވެކްސިންގެ 20 ހާސް ޑޯސްއާއި ސިއްހީ ހިދުމަތުގައި ބޭނުންކުރާ އެކި އާލާތްތައް ހަދިޔާކޮށްފިއެވެ.
ސިއްހީ ވުޒާރާގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިންޑިއާ ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖ.ބަލަސުބްރަމަނިއަމްއެވެ. އަދި ރާއްޖޭގެ ފަރާތުން މި ތަކެއްޗާއި ހަވާލުވީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ގީލާ އަލީއެވެ.
މި އެހީއަކީ ރާއްޖޭގައި ވެކްސިން ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ޓަކައި އިންޑިއާއިން ފޯރުކޮށްދިން މުހިންމު އެހީއެއްކަމަށް އެ ގައުމުން ބުނެއެވެ.
މިކަމާ ގުޅޭގޮތުން އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ދަނޑިވަޅުގައި ފޯރުކޮށްދެވުނު އެހީގެ ސަބަބުން ހިމަބިހި ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.
އަދި އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތާއި "މަހާސާގަރު" ވިޝަންގެ ދަށުން ރާއްޖެއަށް އަބަދުވެސް ހާއްސަ އިސްކަމެއް ދޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.
އިންޑިއާއަކީ ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ އިސްކޮށް އެހީތެރިކަން ފޯރުކޮށްދޭ ގައުމުގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް އެ ގައުމުން ވަނީ ދީފައެވެ.
ރާއްޖެއާއި އިންޑިއާއަކީ ސިއްހީ ދާއިރާގައި ޒަމާނުއްސުރެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ. މީގެ ކުރިން ވެސް ބޭހާއި، ވެކްސިނާއި، ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމުގެ އިތުރުން، ސިއްހީ ދާއިރާގެ މީހުން ބިނާކުރުމަށް އިންޑިއާއިން ވަނީ ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައެވެ. ޚާއްސަކޮށް ކޮވިޑު19 ހާލަތުގައި ވެސް އެންމެ ފުރަތަމަ ހިލޭ، ގިނަ އަދަދެއްގެ ވެކްސިން ރާއްޖެއަށް އިންޑިއާއިން ފޯރުކޮށްދިނެވެ.
މި ފަދަ އެހީތަކަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ.

