logo

ކުޅުދުއްފުށީގައި ހައުސިން ޔުނިޓް އަޅަން އެޑްވާންސަށް ދިން 59 މިލިއަން ރުފިޔާ ނުހޯދޭ: އޮޑިޓް

މަޒީ
12 ގަޑިއިރު ކުރިން

ހދ. ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫޢަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރި ފައިސާގެ ބޮޑުބައެއް އަދިވެސް ދައުލަތަށް އަނބުރާ ލިބިފައި ނުވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓު އޮފީހުން މިދިޔަ ހޯމަ ދުވަހު އާއްމުކުރި، ހައުސިން މިނިސްޓްރީގެ 2018-2023 އަހަރުގެ އޮޑިޓު ރިޕޯޓު ދައްކާ ގޮތުން، 400 ހައުސިން ޔުނިޓުގެ މަޝްރޫއުއަށް އެޑްވާންސްގެ ގޮތުގައި ކުރީގެ ސަރުކާރުން 65.99 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

އޭގެ ތެރެއިން 59 މިލިއަން ރުފިޔާ ނުވަތަ އެޑްވާންސްގެ ގޮތުގައި ދޫކުރި ފައިސާގެ 90 ޕަސެންޓު އަނބުރާ ހޯދާފައިނުވާކަން ވަނީ ފާހަގަކޮށްފަ އެވެ. މިހާތަނަށް އަނބުރާ ލިބުނީ 6.7 މިލިއަން ރުފިޔާ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކުޅުދުއްފުށީ ހައުސިން މަޝްރޫޢުގެ އެއްބަސްވުން ބާތިލުކުރަން ޖެހުނީ ކޮންޓްރެކްޓަރުގެ މަސައްކަތުގެ ފެންވަރު ދަށްވުމާއި، ޕަރފޯމަންސް ގެރެންޓީގެ މުއްދަތު އިތުރުކޮށްފައި ނުވާތީއެވެ. އަދި އެއްބަސްވުން ބާތިލުކުރިއިރު މުޅި މަޝްރޫޢުން ނިމިފައި ވަނީ އެންމެ 18.74 އިންސައްތަ މަސައްކަތް ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

ހުއްޓިފައި އޮތް މި މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި މިއަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފައެވެ. ނަމަވެސް، އެ މަޝްރޫޢުން ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވުމަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފު ކަމެއް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓުގައި ބުނެފައިވާގޮތުން ކޮންޓްރެކްޓު ބާތިލުކުރިއިރު ނިންމާފައިވަނީ މަޝްރޫއުގެ 18.74 ޕަސެންޓު މަސައްކަތެވެ. އޮޑިޓު އޮފީހުން ވަނީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް އަނބުރާ ނުހޯދުމަކީ ގަވައިދާ ހިލާފު ކަމެއް ކަމަށް ވާތީ އެ މައްސަލަތަކުގައި އިހުމާލުވާ މީހުންނަށް ފިޔަވަޅު އަޅަން އެދިފަ އެވެ. އަދި މަސައްކަތް ފުރިހަމަ ނުކުރާ ކުންފުނިތަކާ މެދު ފިޔަވަޅު އެޅުމަށް ޕްރޮކިއުމަންޓް އެޕީލް ބޯޑަށް ހުށަހެޅުމަށާއި، މަޝްރޫޢުތައް ހަވާލުކުރުމުގެ ކުރިން ކުންފުނިތަކުގެ މާލީ އަދި ފަންނީ ގާބިލުކަން ކަށަވަރުކުރުމަށް ވެސް ލަފާދީފައިވެއެވެ.

މީގެ އިތުރުން ވެސް، އެ ވުޒާރާއިން ހަވާލުކުރި ބައެއް މަޝްރޫޢުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދިއުމުގެ ސަބަބުން އެއްބަސްވުންތައް ބާތިލުކޮށް، އެހެން ފަރާތްތަކާ ހަވާލުކުރުމުން ދައުލަތުން ބޮޑު ޚަރަދެއް އިތުރަށް ކުރަންޖެހިފައިވާކަން އޮޑިޓުން ވަނީ ހާމަވެފައެވެ. އެގޮތުން އޮޑިޓުގައި ބެލި 7 މަޝްރޫޢެއް އެހެން ފަރާތްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށްޓަކައި ދައުލަތުގެ ބަޖެޓުން އިތުރަށް 112.33 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ad