logo

މިސަރުކާރުން މަރުގެ ޙުކުމް ތަންފީޒުކުރާނެ: ވަޒީރު އިޙްސާން

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށާއި އެ ސިޔާސަތު ސަރުކާރުން ތަންފީޒު ކުރާނެ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު އިހުސާން ވިދާޅުވީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަރުގެ ހުކުމް ތަންފީޒުކުރައްވާނެ ކަމަށެވެ. އެކަން ކުރުމުގައި ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް އެބަހުރި ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ކުރަމުންދަނީ އެ މަސައްކަތްތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެ ހުކުމް ތަންފީޒުކުރުމުގެ އަނެއް ފަރާތަކީ ތަންފީޒީ މަރުހަލާ ކަމަށާއި އެ ކަމަށް ތައްޔާރުވާންޖެހޭ ކަންކަމަށް ކުރަމުންދާ ކަމަށެވެ.

މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ޚާއްސަ ޤާނޫނެއް ހެދުމަކީ ރާއްޖޭގައި އަދުލު އިންސާފު ޤާއިމުކުރުމަށް އަދި ސޯޝަލް ޖަސްޓިސް ގާއިމުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އިސްލާމީ ޤައުމެއްގައި އޮންނަ އުސޫލުގެ މަތިން ހުރިހާ ކަމެއް ފުރިހަމަވެފައި އޮންނަ ހާލަތުގައި މަރުގެ އަދަބު ހިފެހެއްޓުމަކީ ދައުލަތަކަށް ކުރެވޭނެ ކަމެއްކަމުގައި ގަބޫލުނުކުރައްވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުޢިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވިފަހުން މަރުގެ އަދަބު ދެވޭނެ ހާލަތްތަކުގެ ތެރޭގައި މަސްތުވާތަކެތި އެތެރެކުރުންވެސް ވަނީ ހިމަނުއްވާފައެވެ. ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ ބާވަތާއި އޭގެ އަދަދަށް ބަލައި މަރުގެ އަދަބު ކަނޑައެޅޭނެކަން ޤާނޫނުގައިވަނީ ހިމަނުއްވާފައެވެ.

ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރާނެކަމަށް އެކި ސަރުކާރުތަކުގައި ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް އެކަން ތަންފީޒުނުކުރެވުނު ނަމަވެސް އަދުގެ ސަރުކާރުން އެމަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެފަދަ ކަމެއްގައި ދޫ ދިނުމަކީ ދައުލަތުގެ އެންމެ އިސް ފަރާތަށްވެސް އޮތް ޗޮއިސެއް ނޫން ކަމަށެވެ.

ad