logo

ބުރިޖުގެ ތަނބަށް ގެއްލުމެއް ލިބުނުތޯ ބަލަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
13 ގަޑިއިރު ކުރިން

ސިނަމާލޭ ބުރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާއާއި ގުޅިގެން ބުރިޖުގެ އިންސްޕެކްޝަނެއް ހެދުމުގެ މަސައްކަތް ފަށައިފިއެވ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ދެ ބޯޓު އޮޔާ ދިޔައީ ސިނަމާލެ ބްރިޖު ކައިރިންނެވެ. ސިނަމާލެ ބްރިޖުގައި ދެ ބޯޓު ޖެހި، ބޯޓުތަކަށް ބައެއް ގެއްލުންތައް ވެސް ވަނީ ލިބިފައެވެ.

މާލޭގެ އިރުމަތިން އޮޔާގޮސް އެ ދެ ބޯޓު ވަނީ ސިނަމާލެ ބުރިޖުގެ ސްޕަރ ސްޓްރަކްޗަރގެ މައި ތަނބެއްގައި ޖެހިފައެވެ. މި ދެ ބޯޓަކީ ތެޔޮ އުފުލާ ޒާތުގެ ދެ ދަގަނޑު ބޯޓެވެ.

ސިނާމާލެ ބުރިޖު ތަރައްޤީކުރި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންގ ކުންފުނީގެ ޓެކްނިކަލް ފަރާތްތަކުގެ އެހީތެރިކަމާއެކު މިހާރު ދަނީ ބުރިޖުގެ އިންސްޕެކްޝަން މަސައްކަތް ކުރިއަށްގެންދަމުންނެވެ.

މި ބޮޑު ދެ ބޯޓު އޮޔާ ގޮސްފައިވަނީ މާލޭ އުތުރު ފަރާތު ކާނިވަލާ ދިމާލުންނެވެ. އެއް ބޯޓު ކޮންޓްރޯލުން ނެއްޓިގެން ގޮސް ބްރިޖުގެ ތަނބަކަށް އުރިފައިވާއިރު، ރެއަކީ މާލެ ސަރަހައްދަށް ވައިބާރު އަދި ކަނޑުތައް ވެސް ގަދަ ރެއެކެވެ. މި ހާދިސާއާ ގުޅިގެން ބްރިޖަށާއި ބޯޓަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

ސިނަމާލެ ބުރިޖު ތަރައްޤީކޮށް ހުޅުވާފައިވަނީ 2018ވަނަ އަހަރުގެ އޮގަސްޓްމަހުއެވެ. 1.4 ކިލޮމީޓަރުގެ އެ ބުރިޖުގައި މޫދަށް 7 ތަނބު ޖަހާފަވެއެވެ. މިއީ 200 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ.

ad