މިދިޔަ މަހު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށް ސިއްހަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން ހާމަކޮށްފިއެވެ.
އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހު 269 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލައެވެ. އެ ބާވަތު 81 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި މާޗް މަހު އެންމެ ގިނައީ ޖިންސީ ހާނިކައިގެ މައްސަލައެވެ. އެގޮތުން އެ ބާވަތުގެ 25 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ ފިރިހެން ކުދިންގެ މައްސަލައަކާއި 19 އަންހެން ކުދިންގެ މައްސަލައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ އިހުމާލުގެ މައްސަލައެވެ. އެގޮތުން އެ ބާވަތުވެ 18 މައްސަލައެއް އެ މަހު ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ ނުވަ މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ ނުވަ މައްސަލައެވެ.
ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖާއަށް ދެއްކުން ނުވަތަ ފެނުމުގެ ފަސް މައްސަލަ، ނަފްސާނީ ހާނިކައިގެ 12 މައްސަލަ، ޖިސްމާނީ ހާނިކައިގެ އަށް މައްސަލަ، ސައިބާ އެކްސްޕޮލިއޭޝަންގެ އެއް މައްސަލަ، ބްލެކްމެއިލްގެ އެއް މައްސަލަ، ބުލީކުރުމުގެ ހަތް މައްސަލަ އަދި ސައިބާ ބްލީކުރުމުގެ ހަތަރު މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން މާޗް މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންގެ 43 މައްސަލައަކާއި ފިރިހެން ކުދިންގެ 38 މައްސަލައެކެވެ.

