އަންނަ އަހަރު އާ މަޝްރޫއުތައް ފެށުން މަދުވާނެ ކަމަށާއި މިދިޔަ އަހަރަށް ވުރެ ކުޑަކޮށް ދައުލަތުގެ ބަޖެޓް ހުށަހަޅާފައި އޮތީ ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދަން ކަަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް ތައްޔާރު ކޮށްފައި ވަނީ ފަށާފައި ހުރި ޕްރޮޖެކްޓްތައް ނިންމަން ކަމަށާއި އެހެންވީމާ މަޝްރޫއުތައް ނިންމަން ފަސޭހަވާނެ ކަމަށެވެ. ފަށާފައި ހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތަކަށް އިސްކަންދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރ މުއްތަލިބު ވިދާޅުވި އެވެ.
"މި އަންނަ އަހަރުގެ ބަޖެޓް ކުޑަވެފައި އޮތް ނަމަވެސް އަންނަ އަހަރު އާ ޕްރޮޖެކްޓްތައް ފެށުން ވަރަށް ބޮޑަށް މަދުވާނެ. އަންނަ އަހަރުގެ ބަޖެޓް ފަރުމާކުރެވިފައި ވަނީ މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިންމުމަށް،"މިނިސްޓަރ މުއްތަލިބް ވިދާޅުވި އެވެ.
މިނިސްޓަރު މުއްތަލިބް މި މޭރުމުން ވާހަކަ ދެއްކެވީ ލ. ކުނަހަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމުން އެ މަސައްކަތް ފެށޭނެ ދުވަހަކާ ބެހޭ ގޮތުން މެންބަރު ޝާކިރު ސުވާލު ކުރެއްވުމުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މުއްތަލިބް ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޕްރޮޖެކްޓްތައް ހުއްޓާލާފައި އާ ޕްރޮޖެކްޓްތައް ފެށުމުގެ ފުރުުސަތު މި ސަރުކާރަށް އޮތެވެ. އެކަމަކު، އެ ގޮތަށްް ކަންތައް ކުރުމުގެ ބަދަލުގައި އެ ޕްރޮޖެކްޓްތައް ވެސް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ މި ސަރުކާރު އައި އިރު ފެށިފައި، ހުއްޓިފައި ހުރި މަޝްރޫއުތައް ހުއްޓާލާފައި މި ސަރުކާރުގެ އެޖެންޑާއާއިގެން ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅެވެން އޮތޭ. އެހެން ނަމަވެސް ކުރިން ފަށާފައި ހުރި ޕްރޮޖެކްޓްތަކަކީ ސަރުކާރުގެ ދޮންދަރިން ކަމަށް ހަދާފައި އެއްކައިރި ކޮށްލުމުގެ ބަދަލުަގައި އަޅުގަނޑުމެންގެ ވެސް އަމިއްލަ ޕްރޮޖެކްޓްތައް ކަމަށް ދެކިގެން އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރީ،" މިނިސްޓަރ މުއްތަލިބް ވިދާޅުވި އެވެ.
ފެނާއިނަރުދަމާގެ ގިނަ ޕްރޮޖެކްޓްތައް ކުރީގެ ސަރުކާރުން ހަވާލުކޮށްފައި އޮތީ ފެނަކަ ކޯޕަރޭޝަނާ ކަަމަށާއި އެކަމަށް ބޭނުންވާ ފައިސާ ނުލިބުމުން އެ މަސައްކަތްތައް ފަހުން ހަވާލުކުރީ އެމްޑަބްލިއުއެސްސީއާ ކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ. އެއީ އާމްދަނީ ލިބޭ ކުންފުންޏަކަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު އެމްޑަބްލިއުއެސްސީއަށް ވެސް ފައިސާ ހޯދުމުގައި ފުރަތަމަ ދަތިތަކާ ކުރިމަތިވި ކަމަށާއި މިހާރު އެކަމަކު މަސައްކަތްތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.

